ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅުން އައްޔަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންގެ ނަންތައް ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން އެންމެ ގިނަ މާކްްސް ލިބިވަޑައިގަތީ ސުޕްރީ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވަނިކޮށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނިންމުމަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން މަހާޒް ފަނޑިޔާރުކަމުން ވަކިކުރީ، މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

އެ މައްސަލަ ދިރާސާ ކުރީގެ ޖުޑިޝަރީ ކޮމިޓީންނެވެ. އޭރު އެކޮމިޓީން ފާސްކުރީ މަހާޒަކީ އިތުބާރު ނެތް ބޭފުޅެއް ކަމަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅުން އައްޔަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުން ފަސް ނަމެއް ރަައްޔިތުންގެ މަޖިލީހަށް ފޮނުއްވެވިއެވެ.

އެ ބޭފުޅުންނާ ކޮމިޓީން އިއްޔެ ވަނީ އިންޓަވިއުކޮށްފައެވެ.

ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވަން ފާސްކުރި ރިޕޯޓްގައި ވަނީ އެ އިންޓަވިއުތަކުން 75 މާކްސްއަށްވުރެ މަތިން ލިބުނު ބޭފުޅުންގެ ތެެރެއިން ޓްރައިބިއުނަލަށް އައްޔަން ކުރަން ފެންނަ ދެ ބޭފުޅަކަށް މަޖިލީހުގެ ރުހުން އޮތް ކަމަށް މަޖިލިސް ތަޅުމުން ފާސްކުރަން އެދިފައެވެ.

ކޮމިޓީ ރިޕޯޓްގައިވާ ގޮތުން ރައީސް ފޮނުއްވެވި ލިސްޓުގައި އެމަނިކުފާނު އެންމެ އިސްކަން ދެއްވި މަހާޒަށް ވަނީ އެންމެ ގޮނަ ޕޮއިންޓް ލިބިފައެވެ.

ކޮމިޓީއަށް ފޮނުއްވި ލިސްޓުގައި ހިމެނޭ ބޭފުޅުންނަށް ކޮމިޓީން މާކްސް ލިބިފައިވާގޮތް:

މަހާޒް އަލީ ޒާހިރު، ގދ. މަޑަވެލި، މޭނާ - 97 ޕަސެންޓް

އިބްރާހިމް އަފީފު، ގުލްބަހާރުގެ، ބ. ތުޅާދޫ - 91 ޕަސެންޓް

ޝައުފާ އިބްރާހިމް، އަކިރިވިލާ، ދ. މީދޫ - 83 ޕަސެންޓް

އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ - 80 ޕަސެންޓް

ފާތިމަތު ނައުޝާން، ފިޔާތޮށިގެ، ޅ. ނައިފަރު - 71 ޕަސެންޓް

ކޮމިޓީއަށް ހަތް ބޭފުޅުންގެ ލިސްޓެއް ފޮނުއްވާފައިވާ އިރު، އޭގެ ތެެރެއިން އާޝިއާ އަޒީމާ، ރޯޒްވިލާ، ރ. ހުޅުއްފާރު، އާއިޝިފާޒް އަލީ، ދަފްތަރު ރސ. 12854، އަށް މާކްސް އެއް ދީފައެއް ނުވެއެވެ.