ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިދިޔަ ބުދަ ދުވަހުގައެވެ.

ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ސ. ހިތަދޫ ކޯޒީކޯނާ އަލީ އަންވަރު މުހައްމަދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ގާޒީ އަމަލުކޮށްފައިވާ ކަަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަައެއް ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް އެ މައްސަލައިގައި ގާޒީގެ މައްޗަށް ތުހުމަތުކޮށްފައިވާ އަމަލު ގާޒީ ކޮށްފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ.

ކޮމިޝަނުން އެ މައްސަލަ ބަލައި ނިންމިގޮތުގެ ރިޕޯޓް ބަލައިގަތުމަށާއި ގާޒީގެ މި އަމަލަކީ ގާނޫނުއަސާސީގެ 142 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑއަޅާފައިވާ މިންގަނޑާ ހިލާފު އަމަލަކަށްވާތީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން ގާޒީ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށް އެ ނިންމުން މަޖިލީހަށް ފޮނުވީ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

ޖޭއެސްސީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ މައްސަލަ އިތުރަށް ދިރާާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިކަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވިއެވެ.

މި މައްސަލައިގައި ޖުޑިޝަރީ ކޮމިޓީން ބަލާނީ އެ މައްސަލައިގައި ޖޭއެސްސީން ނިންމާފައިވާ ނިންމުމަކީ އިޖުރާއަތްތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްތޯއެވެ. އެއަށްފަހު ފާއިޒް ގާޒީކަމުން ވަކި ކުރަނީ އެކަމާބެހޭ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅައި، ފާއިޒް ގާޒީކަމުން ވަކިކުރަން ފެނޭތޯ މަޖިލީހުގައި ނަގާ ވޯޓު ކާމިޔާބުވުމުންނެވެ.

މީގެ ކުރިީން، ނޮވެމްބަރު، 2021، ގައި ވެސް ޖޭއެސްސީން ވަނީ ފާއިޒް ސަސްޕެންޑުކޮށްފައެވެ. އެ ފަހަރު އޭނާ ސަސްޕެންޑު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ގާޒީން "ރަހީނު" ކޮށްގެން ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް ލީކުވުމުންނެވެ.