ސަރުކާރުގެ ފަރާތުން، ބަންޑާރަ ނައިބު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ބައެއް ބިލްތައް ފުރިހަމަ ނުވާ ކަމަށާއި އެއިން ބައެއް ބިލްތަކުގައި އޮންނަނީ އެންމެ ހައެއްކަ ފޮޅުވަތް ކަމަށް ރައްޔިޔުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބުނެފި އެވެ.
ޖުޑީޝަރީ ކޮމިޓީން މިހެން ބުނީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލުތައް ގާނޫނަކަށް ނުވެ ލަސްވަމުންދާތީ، އިންސާފު ލިބިދިނުމަށް ހުރަސްއެޅޭ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ލީގަލް އެޑްވައިޒަރު އަހުމަދު އަބްދުﷲ އަފީފު ރޭ ދެއްކެވި ވާހަކައަށް ރައްދު ދިނުމުގެ ގޮތުން މިއަދު ބޭއްވި އެ ކޮމިޓީގެ ނޫސް ކޮންފަރެންސްއެއްގައެވެ.
ނޫސް ކޮންފަރެންސްގައި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް 33 ބިލެއް ފޮނުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފުރަތަމަ ދައުރު ނިމިގެންދިޔަ އިރު ސަރުކާރުން މަޖިލީހަށް ފޮނުވީ އެންމެ ހަތް ބިލު ކަމަށެވެ. އޭގެ ތެރޭގައި ބައެއް ގާނޫނުތައް އުވާލަން ހުށަހަޅާފައިވާ ހަަތަރު ފޮޅުވަތުގެ ކުދި ކުދި ބިލު ހިމެނޭ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި ރިސެސަށް ގޮސްފައިވާކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ، މަޖިލީހުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ބުނި މުހިންމު ބިލުތަކެއް ސަރުކާރުން ހުށަހަޅާފައި ނުވާ ކަމަށެވެ. އޭގެ ތެރޭގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ހެތްކާބެހޭ ބިލު ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބިލު ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އިންތި ވިދާޅުވީ، އެ ބިލުތަކަކީ ސަރުކާރާއި އެމްޑީޕީން ރަައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބިލުތަކެއް ކަމަށެވެ. އަދި އެއީ އިންސާފު ގާއިމުކުރުމަށް ވެފައިވާ ވައުދު ފުރިހަމަކުރަން މުހިންމު ބިލުތަކެއް ކަމަށްވެސް އިންތި ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ