މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ބޭއްވި އެއްވުން ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަ ބަލައި ނިމެންދެން، އެއްވުން ރޫޅާލުމުގައި ބައިވެރިވި ފުލުހުން މަސްއޫލިއްޔަތުން ދުރުކޮށްފިއެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މާލޭގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި ގޮތެއް ނިމެންދެން ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތުތަކުން އެ ފުލުހުން މިހާރު ދުރުކޮށްފައިވާ ކަމަށެވެ.

އަދި މައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގުތަކުން ނުކުންނަ ނަތީޖާއަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ބުންޏެވެ.

އެ ފުލުހުން މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި މިވަނީ، އެއްވުން ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ އަމުރުކުރައްވައިފައެވެ.

ރޭގެ ހާދިސާއާ ގުޅިގެން އެންޓި-ޓޯޗާ ގާނޫނުގެ ދަށުން އެ މައްސަލަ ބަލަމުންދާނެ ކަމަށް އެޗްއާރުސީއެމުން ބުނެފައިވާއިރު، އެއްވުން ރޫޅާލުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމު ވަނީ ހުށަހަޅުއްވައިފިއެވެ.