ޚަބަރު

ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް ފިޔަވައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފި

ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް ފިޔަވައި، މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާފައިވާ އެންގުމުގައި ބުނެފައި ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރުމުގައި ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް ފިޔަވައި، މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ވަނީ އަންގައިފައެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދޭނެ ކަމަށް އެންގުމުގައިވެއެވެ.

މި ފިޔަވަޅަށް އަމަލުކުރަން އަންގާފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަކަށެވެ.

އެންގުމުގައި އިތުރަށް ބުނެފައި ވަނީ އެ ފިޔަވަޅުތައް އެޅިނަމަވެސް، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އޭނާ އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށެވެ. އަދި އަޅާފައިވާ ފިޔަވަޅު ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާނީ ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން ކަމަށް ބުންޏެވެ.