ޚަބަރު

ކެބިނެޓަށް މާދަމާ ބައެއް ބަދަލުތައް ގެންނަނީ

3

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ކެބިނެޓަށް މާދަމާ ބައެއް ބަދަލުތައް ގެނެސް އެކަން އިއުލާނު ކުރައްވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކެބިނެޓުގެ ތިން މަގާމަކަށް މާދަމާ ބަދަލު ގެންނަން ރައީސް ސޯލިހު ވަނީ ނިންމަވައިފައެވެ.

އެނގިފައިވާ ގޮތުގައި، އެންވަޔަރްމަންޓް މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވައި އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް ހަމަޖައްސަވާނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާއެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު މާދަމާ ކެބިނެޓުން ވަކިކުރައްވާނެއެވެ. ނަމަވެސް ފަހުގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަކިކުރައްވައި، ބައްދަލުކުރައްވާނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށެވެ.

އޭގެ އިތުރުން ހުސްވެފައިވާ ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު ކަމަށްވެސް މާދަމާ ބޭފުޅަކު އައްޔަން ކުރައްވާނެކަން ވަނީ އެނގިފައެވެ.

އެގޮތުން އެ މަގާމަށް އައްޔަން ކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި މަހުމޫދު ރާޒީ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. ބައެއް އެހެން މަސްދަރުތަކުން ބުނާ ގޮތުގައި، އެމަގާމަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ކަމަށް ވާތީ އެމަގާމަށް ހަމަޖައްސަން ޖޭޕީން ވަނީ ދެ ބޭފުޅެއްގެ ނަން ރައީސަށް ފޮނުއްވައިފައެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝިފާޒު އެ މަގާމުން ވަކިކުރައްވާނެ ކަމަށްވެސް ބައެއް މަސްދަރުތަކުން ބުނެއެވެ. އެކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟