ހުޅުމާލޭގައި ކުރިއަށްގެންދިޔަ ފުޓްބޯޅަ މުބާރާތެއް ރޭ ފުލުހުން ހުއްޓުވުމުން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ގޭދޮށުގައި މިރޭ ވެސް މުޒާހަރާކޮށް އެތަނުގައި ފުޓްބޯޅަ މެޗެއް ކުޅެފިއެވެ.
އެކަމުގައި އިސްކޮށް އުޅުނު ފަރާތެއް 'ވަން' އަށް ބުނީ، 32 ޓީމު ބައިވެރިވާ މުބާރާތެއް ފުލުހުން އައިސް ރޭ ހުއްޓުވާފައިވާ ކަމަށާއި އެހެން ނަމަވެސް އެ މުބާރާތް ހުއްޓުވަން ޖެހުނު ސީދާ ސަބަބު ބުނެދެވިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ކުރިއަށް މި ގެންދާ މުބާރާތް ހުއްޓުވީ ކީއްވެ ކަމެއް ފުލުހުންނަށް ބުނެއެއް ނުދެވުނު. މި މުބާރާތް ހުއްޓުވިއިރު އެހެން ބައެއް މުބާރާތްތައް ކުރިއަށްދާ ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭ،" މައިމޫނާ ގޭ ދޮށުގައި މިރޭ އަޑު އުފުލި ޒުވާނަކު ބުންޏެވެ.
އޭނާ ބުނީ، ވަކި ބަޔަކާ ދޭތެރޭގައި ވަކި ގޮތަކަށް އަމަލުކޮށްފައި އަނެއް ބަޔަކަށް އެހެން ގޮތަކަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް އެކަށީގެންވާ ހައްލެއް ލިބެންދެން އިހުތިޖާޖުތައް ކުރިއަށްގެންދާނެ ކަމަށެވެ.
"މިރޭ ދެން މި ނިންމާލީ އެ ތަނުގައި ފުޓްބޯޅަ މެޗެއް ވެސް ކުޅެފައި. މާދަމާ ހެލްތު މިނިސްޓަރާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓެއް ލިބުމުން،" އޭނާ ބުންޏެވެ.
ފުޓްބޯޅަ މުބާރާތް ހުއްޓުވުމުން މުޒާހަރާ ކުރި ފަރާތްތައް އެ ސަރަހައްދު ދޫކޮށް ދިޔަ ފަހުން ހުޅުމާލޭގައި ކުރިއަށްދިޔަ ވޮލީ މުބާރާތެއް ވެސް މިރޭ ހުއްޓުވުމުން އެ ފަރާތްތަކުން ވެސް ވަނީ މައިމޫނާ ދިރިއުޅުއްވާ ފްލެޓް ދޮށުގައި އަޑުއުފުލައިފައެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު