ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެ ރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފިއެވެ.
އާރަށަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮތް ކުންފުންޏަކަށް ދީފައި އޮތް ރަށެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެ ރަށް ވަނީ ވ. ފެލިދޫ ކައުންްސިލާ ހަވާލުކޮށްފައެވެ.
އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަހުން ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރިއެވެ. އެ ރަށް އޭގެ ފަހުން ވަނީ ބޭރުގެ ކުންފުންޏަކަށް ވިއްކާލައިފައެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރަނީ އާރަށް ވިއްކާލި ކުންފުނިން ދިން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތެވެ. އެ ތުހުމަތާ ގުޅިގެން މައުލޫމާތު ސާފުކުރަން ރައީސް ޔަމީން ވަނީ މީގެ ކުރިން ވަރަށް ގިނަ ފަހަރު ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަންގަވައިފައެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ މިދިޔަ އަންގާރަ ދުވަހު ފުލުހުން އެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ބަލައިގަތުމަށް އަދި ނިންމާފައިނުވާ ކަމަށާއި މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވާ އިރު، ރައީސް ޔާމީން މިހާރުވެސް ދަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ. މަނީ ލޯންޑާކޮށްގެން ރައީސް ޔާމީން ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ވެސް ވަނީ ދަމަހައްޓައިފައެވެ.
މި މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާވެސް ވަނީ ކޮށްފައެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ރައީސް ޔާމީން ވަނީ ރޭގެ ވަގުތެއްގައި ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފައެވެ. އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މާފުށީގައި ކޮވިޑް ފެތުރި އަދި ޖަލު ގައިދީންނާއި އޮފިސަރުން ވެސް އެ ބައްޔަށް ހުށަހެޅެމުންދާތީ ރައްކާތެރިކަމަށްޓަކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު