ސިއްހީ ކުލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށްފަހު، އެ ހާލަތު ބާތިލުކުރުމާއި އެ ހާލަތަށް ބަދަލު ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅި ނަމަވެސް އެގޮތް ބަދަލުކޮށް އެބާރު މަޖިލީހަށް ނުނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސިއްހީ ކުލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށްފަހު، އެ ހާލަތު ބާތިލުކުރުމާއި އެ ހާލަތަށް ބަދަލު ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް، އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

އެ ބިލު ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، މިއަދު ކުރިއަށް ދިޔަ ބަހުސަށްފަހު ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެ ބިލަށް ދެ އިސްލާހެއް ހުށަހެޅުއްވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ސިއްހީ ކުލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށްފަހު، އެ ހާލަތު ބާތިލުކުރުމާއި އެ ހާލަތަށް ބަދަލު ގެނައުމަށް މަޖިލީހަށް ބާރު ދިނުމަށް އެ ގާނޫނުގެ 33 ވަނަ މާއްދާ އާއި 34 ވަނަ މާއްދާ އުނިކުރަން ހުށަހަޅާފައިވާ އިސްލާހެވެ. އެ ދެ އިސްލާހަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ.

އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ. އެގޮތުން އެ އިސްލާހަށް ވޯޓަށް އެހުމުގެ ކުރިން ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އެއްޗެއް ވިދާޅުވުމަށް މަޖިލިސް ރައީސް ދެއްވި ފުރުސަތުގައި އަފީފުވެސް ވިދާޅުވީ އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި އެ އިސްލާހަށް ވޯޓަށް ނޭހޭނެ ކަމަށެވެ.

އެ މައްސަލައިގެ ބަހުސްގައި ވެސް އެ އިސްލާހަށް އަފީފު އާއި ބައެއް އެހެން މެންބަރުން ދެކޮޅު ހެއްދެވިއެވެ.

އަފީފު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މުތުލަގަށް ދީފައިވާ ބާރެއް ކަމަށެވެ. އަފީފު އެގޮތަށް ފާހަގަކުރައްވަނީ، ގާނޫނުއަސާސީގެ 11 ވަނަ ބާބު (253 ވަނަ މާއްދާ) ގައި ބުނެފައިވާ ކުއްލި ނުރައްކަލުުގެ ހާލަތަށެވެ.

އޭގައި ބުނެފައި ވަނީ ގުދުރަތި ކާރިސާއެއް ނުވަތަ ނުރައްކާތެރި ބަލި މަޑުކަމެއް ނުވަތަ ހަނގުރާމައެއް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ނުވަތަ ބޭރުގެ ހަމަލައެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެނަމަ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދު ތަކެއްގައި 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކުއްލި ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.

ގާނޫނުއަސާސީގެ 257 ވަނަ މާއްދާގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި އެ ހާލަތު އިއުލާންކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުން ނުދާ ވަގުތެއްނަމަ ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސްކުރަން ހުށަހަޅަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ސިއްހީ ކުލި ނުރައްކަލުގެ ހާލަތަކީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އިއުލާން ކުރާ ހާލަތެކެވެ.

އާންމު ސިއްހަތުގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި އޮންނަނީ އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރު ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެކަން ރަނގަޅު ކުރުމުގެ ގޮތުން ނުވަތަ އެކަން ހިފެހެއްޓުމުގެ ގޮތުން ނުވަތަ އެކަމުގެ ނުރައްކާ ކުޑަ ކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ގަބޫލު ކުރެވޭ ނަމަ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް އިއުލާނު ކުރުމަށާއި އެ އިއުލާން ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި އިއުލާން ކުރުމަށް ވަޒީރަށް ލަފާ ދެވިދާނެ ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބުނަނީ، ވަޒީރަށް ޑިރެކްޓަރު ޖެނެރަލް އެ ލަފާ ދީފި ނަމަ، ވަކި ސަރަހައްދަކަށް، ވަކި ވަގުތަކަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ކުރިމަތިވެއްޖެ ކަމުގެ އިއުލާނު ވަޒީރު ކުރަންވާނެ ކަމަށެވެ.

އެ މާއްދާ ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. އަދި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޑިރެކްޓަރު ޖެނެރަލަށް ފެނިއްޖެ ނަމަ، އޭނާ އެކަން ވަޒީރަށް އަންގައި، އެކަމުގެ ލަފާ ވަޒީރަށް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތަށް ވަޒީރަށް ދޭ ލަފާގެ މައުލޫމާތު ވަގުތުން ރައީސުލްޖުމްހޫރިއްޔާއަށް ދޭން ވާނެ ކަމަށާއި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރާ ހާލަތުގައި އަމަލު ކުރާނީ ގާނޫނުއަސާސީގެ 11 ވަނަ ބާބު (ކުއްލި ނުރައްކަލުގެ ހާލަތު) ގައިވާ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ނަމަވެސް ބިލުން އެބައި އުނިކުރަން ޝާހިދު ހުށަހަޅައި ރޮޒެއިނާ ތާއީދު ކުރެއްވި ހުށަހެޅުން މަޖިލީހުން ފާސްކުރުމުން އެ ބާރު މަޖިލީހަށް ނެގުމަށް ފާހެއް ނުވިއެވެ.

ޝާހިދު ހުށަހެޅުއްވި ދެވަނަ އިސްލާހަކީ ކުއްލި ނުރައްކަލުގެ ފިޔަވަޅުތައްް އެޅުމުގެ ބާރު ޑިރެކްޓަރު ޖެނެރަލަށް ލިބި ދިނުމަށް ބިލަށް ހުށަހަޅާފައިވާ އިސްލާހު އުނި ކުރުމަށެވެ. އެ އިސްލާހުވެސް ފާސްވިއެވެ. އެހެންކަމުން މަޖިލީހުން ބިލު ފާސްކުރީ އެ ކަންތައް ބިލުން އުނިކުރުމަށްފަހުއެވެ.

އެނޫނަސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުޅާން ކުރުމާ ގުޅިގެން ހިނގާ އެހެން ބައެއް ކަންތައްކަށް ބިލުގައި ވަނީ އިސްލާހުތަކެއް ގެނަސްފައެވެ.