ގައުމު ތަކުގައި އެއްގަމު އުޅަނދު ފަހަރުގެ އަދަދު ކޮންޓްރޯލް ކުރަނީ ގަރާޖު ސިޓީއަކުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖުގައި އެ އުޅަނދު ބޭއްވުމަށް ހުށަހަޅާ ލިޔުން ކަމުގައިވާ، ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން، މަޖިލީހަށް ހުށަހަޅައި ކުރިއަށް ގެންދިޔަ ބަހުސްގައި މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އެއްގަމު ދަތުރު ކުރުމުގެ ގާނޫނަށް އެ އިސްލާހު ގެނައުމަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.
ނަމަވެސް އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމުން ބިލު ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ގަރާޖް ސީޓީއަކީ ދުއްވާ އެއްޗެހި މާލެއަށް ގެނައުމަށް އޮތް ހައްލެއް ނޫން، ކަމަށާއި، އެއީ ޕާކިންއަށް ޖާގަ ހޯދުމަށް އޮތް ހައްލެއް ނޫންކަން އެ އިސްލާހުން އެނގޭ ކަމަށެވެ. ނަމަވެސް އެނޫން ނުކުތާއެއް ފާހަގަ ނުވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖލިސް ރައީސް ވިދާޅުވީ، ރަށްރަށުގައި އެއްގަމު އުޅަނދު ފަހަރު ދުއްވޭނެ އަދަދު އެއީ ކޮން މިންވަރެއްތޯ ކަނޑައަޅަން އެހެން ގައުމު ތަކުގައި އިޖުރާއަތްތަކެއް ހުންނަ ކަމަށެވެ. އެފަދަ އިޖުރާއަތްތަކަށް ލެނބުން ބޭނުންތެރި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު މަޖިލީހުގެ މެންބަރުންގެ މެދުވައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ހާއްސަކޮށް އެ އިސްލާހާމެދު އެމްޑީޕީ މެންބަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލު ތަފާތުތަކެއް އުފެދިފައެވެ.
އެމްޑީޕީ ބައެއް މެންބަރުން އެ އިސްލާހަށް ތާއީދު ކުރައްވާއިރު އަނެއްބައި މެންބަރުން ވިދާޅުވީ އެއަށް ތާއީދު ކުރަނީ ގަރާޖު ސިޓީ ބޭނުންވެގެން ތިބި ނަމަވެސް އެ ސީޓީ ނުލިބިގެން ތިބި މެންބަރުން ކަމަށެވެ.
ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅީ، 80،000 އިން މަތީގެ އަގަށް ގަރާޖުސިޓީ ވިއްކައިގެން އެއް ގަރާޖަކަށް ގިނަ އުޅަނދު ތަކެއް ރަޖިސްޓްރީކޮށް ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް