ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 99 ޕަސެންޓަށް ވެކްސިން ފުރަތަމަ ޑޯޒް ދެވިފައިވާ ކަަމަށާއި އަދި ދެވަނަ ޑޯޒް 8000 މުވައްޒަފުންނަށް ދެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ބަޔަކަށް ހެދުމަށް އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން "އައިއެމް ވެކްސިނޭޓެޑް" ކެމްޕެއިން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވަރަށް ގިނަ މުވައްޒަފުންނަށް ފުރަތަމަ ޑޯޒް ދެވިފައިވާ ކަމަށެވެ.

"ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 99 ޕަސެންޓަށް ވަނީ ފުރަތަމަ ޑޯޒް ވެކްސިން ޖެހިފަ. އަދި 8000 މުވައްޒަފުންނަށް މިހާރު ދެވަނަ ޑޯޒް ވެކްސިން ދެވިއްޖެ،" މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުން މިދިޔަ އަހަރު މަސައްކަތް ކުރަމުން އައީ ވެކްސިނާ ނުލައި ވަރަށް ބުރަކޮށް ކަމަށެވެ. އޭރު މަސައްކަތް ކުރީ އަނބިދަރިން ކައިރިއަށް ނުގޮސް ކަމަށާއި ނަމަވެސް މިހާރު ދެވަނަ ޑޯޒް ފުރިހަމަކޮށް، ރިސޯޓް މުވައްޒަފުންނަށް ވަނީ އަނބިދަރިން ކައިރިއަށް ދިއުމުގެ މަގު ފަހިވެފައިވާ ކަމަށެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރާ މުވައްޒަފުންނަށް ބެޖެއް ދެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ދުނިޔެއަށް ހުޅުވާލި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވި ޕޮލިސީއަކީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކަންކަން ރާވައި އިންތިޒާމު ކުރެވޭނެ ފަދަ ޕްރޮޓޮކޯލެއް ކަމަށެވެ. އަދި ކޮވިޑާއެކު ރާއްޖެއިން ގާއިމު ކުރި ޓޫރިޒަމް ޕްރޮޓޮކޯލް މުޅި ދުނިޔެ ބަލައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެކަން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. 2020 ވަނަ އަހަރު އަޅުގަނޑުމެންނަށް ދުނިޔޭގެ އެންމެ މަތީ އެއް އެވޯޑް، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު އިންޑަސްޓްރީން ހާސިލުކޮށްފި. ހަމަ އެެއާއެކު ސީއެންއެން އިން 2020 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ އިންޓަނޭޝަނަލް ސަކްސެސް ސްޓޯރީ އަކީ ރާއްޖެ ކަމުގައި ލޭބަލް ކޮށްފި. މި ހުރިހާ ހިސާބަކަށް އަޅުގަނޑުމެންނަށް ދެވުނީ ހަމަ ޔަގީނުންވެސް މި ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ރޭވުންތައް ތަންފީޒު ކުރުމުގައްޔާއި އަދި އެ ރޭވުންތައް ރޭވުމުގައި ސަރުކާރާއި ހެލްތާއި ކަމާގުޅޭ އެހެން ފަރާތްތައް، ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބިގެން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާއަށްފަހު ފްރޮންޓްލައިންގެ އެންމެ ކުރީގައި މަސައްކަތް ކުރާ ފަރާތްތަކަކީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ކަމަށާއި އެކަން އެގޮތަށް ބަލައިގަނެ، ސަރުކާރުން އިސްކަން ދިނީތީ ޝުކުރު އަދާކުރާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދު ތައާރަފުކުރެވިގެންދިޔަ އައި އެމް ވެކްސިނޭޓެޑް ބެޖާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށާއި އަމާޒަކީ ދުނިޔޭގައި އެންމެ ފުރަތަމަ ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ވެކްސިން ފުރިހަމަ ކުރާ ގައުމަކަށް ރާއްޖެ ހެދުން ކަމަށެވެ.