އިންޑިއާގައި ކޮވިޑުގެ ހާލަތު ބޮއްސުންލައި ސިއްހީ ނިޒާމަށް ނުތަކާވަރަށް ގައުމުގެ ހާލަތު ގޯސްވެ ބަލިމީހުންނަށް ބޭނުންވާ ވަރަށް އެނދާއި އޮކްސިޖަން ފޯރުކޮށްދިނުމަށް ނުކުޅެދިފައިވާ މިދަނޑިވަޅުގައި އެހީތެރިކަމުގެ އަތް ދިއްކޮށް ހަގީގީ ހީރޯއިން ވެސް މިނާޒުކު ދަނޑިވަޅުގައި އަންނަނީ ފާޅުވަމުންނެވެ.
މިފަހަކަށް އައިސް މުމްބާއީގައި ދިރިއުޅެމުންގެން އަންނަ ޝާހް ނަވާޒު ޝެއިހު ރައްޔިތުންނަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ ގޮތުން އޭނާ ދުއްވާ 22 ލައްކަ އިންޑިއަން ރުޕީސްގެ އެސްޔޫވީ ވިއްކާލި ހަބަރާއެކު ''އޮކްސިޖަން މޭން'' ގެ ގޮތުގައި ވަނީ މަޝްހޫރު ވެގެންގޮސްފައެވެ.
މިފަހަރު މިއޮތީ ނާގުޕޫރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޕިޔާރޭ ހާންގެ ވާހަކައެވެ. ޕިޔާރޭ ހާން ވަނީ ރައްޔިތުންނަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ ގޮތުން ނާގުޕޫރުގައި ހުރި ސަރުކާރު ހޮސްޕިޓަލުތަކަށް 400 މެޓްރިކް ޓަނުގެ މެޑިކަލް އޮކްސިޖަން ލިކުއިޑު ފޯރުކޮށްދިނުމަށް 85 ލައްކަ އިންޑިއަން ރުޕީސް ހަރަދުކޮށްފައެވެ.
މިހާތަނަށް އޭނާ 32 ޓަނުގެ އޮކްސިޖަން ފޯރުކޮށްދީގެން ސަތޭކައަށްވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކޮށްދީފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކުރެއެވެ.
ސަރުކާރުން އޭނާއަށް މި ހަރަދު އަނބުރާ ދޭން އުޅުމުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
އޭނާ ބުނެފައިވަނީ މިއީ މި ބަރަކާތްތެރި ރަމަޟާންމަހު އޭނާ ދައްކާ ޒަކާތްކަމަށެވެ. އަދި މި ނާޒުކު ހާލަތަށް އެހީވުމުގެ ގޮތުން އިންސާނިއްޔަތަށް ޓަކައި އޭނާ އަދާކުރާ ފަރުދީ ޒިއްމާ ކަމުގައި ބުނެފައިވެއެވެ.
އޭނާ ވަނީ މިމަސައްކަތަށް ބޭނުންވާ ދެ ކްރިޔޮޖެނިކް ގޭސް ޓޭންކަރު ބެންގަލޫރުން މާކެޓްގެ އަގަށްވުރެ ތިން ގުނަ އިތުރަށް ދައްކަން ޖެހުނު ނަމަވެސް އެކަމަށް ފަސް ނުޖެހި 14 ލައްކަ އިންޑިއަން ރުޕީސް ހަރަދުކޮށް އެކަން ހަމަޖައްސާފައެވެ.
ޕިޔާރޭ ހާން އަކީ 1995 ވަނަ އަހަރު ނާގުޕޫރުގެ ރޭލްވޭ ސްޓޭޝަނުގައި އޮރެންޖު ވިއްކުމުގެ ވިޔަފާރިކޮށް އަމިއްލަ މަސައްކަތުން މުއްސަންޖަކަށްވެފައިވާ މިހާރު 400 ކުރޯޅުގެ ކުންފުނީގެ ވެރިއެކެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ