އިންޑިއާގެ މަޝްހޫރު އަމްބާނީ އާއިލާއިން، ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާއަށް 2.2 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 260،000 އެމެރިކާ ޑޮލަރު) ގެ އަގުބޮޑު، އަތުގައި އަޅާ ޖަވާހިރު ކެވެލިކޮޅެއް ހަދިޔާކޮށްފިއެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ 2024 ވަނަ އަހަރުގެ މާޗު މަހު ގުޖުރާތުގެ ޖާމްނަގަރުގައި ބޭއްވި އަނަންތު އަމްބާނީ އާއި ރާދިކާ މަރޗަންޓްގެ ކައިވެނީގެ ކުރީގެ ހަފުލާގައި ރިހާނާ ހުށަހަޅައިދިން ހުށަހެޅުމަށްފަހު ދީފައިވާ ހަދިޔާއެކެވެ.

މި އަގުބޮޑު ހަދިޔާގެ މައުލޫމާތު އާންމުވެފައިވަނީ، ދާދި ފަހުން އިންސްޓަގްރާމްގައި އާންމުވި ވީޑިއޯއެއްގައި ރިހާނާ އެ ހަދިޔާ ދައްކައިލުމާ ގުޅިގެންނެވެ. ނިއުޔޯކް ނިކްސްގެ ބާސްކެޓްބޯޅަ މެޗަކަށްފަހު ނަގާފައިވާ މި ވީޑިއޯގައި، އޭނާ ވަނީ އެއީ އިންޑިއާގެ އަމްބާނީ އާއިލާއިން ދިން ހަދިޔާއެއްކަން ހާމަކޮށްފައެވެ. މަޝްހޫރު ޖަވާހިރު ތަޖުރިބާކާރެއް ކަމަށްވާ ޕްރިޔަންޝޫ ގޯޔަލް ބުނި ގޮތުގައި، އެއީ ވަރަށް ފުރިހަމަ އަދި އަގުބޮޑު ޑައިމަންޑް ޓެނިސް ބްރޭސްލެޓެކެވެ.

ޖާމްނަގަރުގައި ބޭއްވި ކުލަގަދަ ހަފުލާގައި ރިހާނާ ވަނީ އޭނާގެ އެންމެ މަޝްހޫރު ލަވަތައް ހުށަހަޅައިދީފައެވެ. އެ ހަފުލާގައި ބައިވެރިވުމަށް އޭނާއަށް 66 ކްރޯޑާއި 74 ކްރޯޑު ރުޕީސްއާ ދެމެދުގެ އަދަދެއް ދީފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ފަހުން މި އަހަރުގެ އޭޕްރީލް މަހުވެސް ރިހާނާ ވަނީ އޭނާގެ “ފެންޓީ ބިއުޓީ” ބްރޭންޑްގެ ހަރަކާތަކަށް މުމްބާއީއަށް ގޮސް، އަމްބާނީ އާއިލާއާ ބައްދަލުކޮށްފައެވެ.

މި ވީޑިއޯ އާންމުވުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އަމްބާނީ އާއިލާގެ މުއްސަނދިކަމާއި ދީލަތިކަމާ މެދު ވާހަކަދައްކަމުންނެވެ. މި ކެވެލިކޮޅުގެ އަގު 2.2 ކްރޯޑު ރުޕީސްއަށް އަރާކަން ހާމަކޮށްފައިވަނީ، ރިހާނާގެ ވީޑިއޯ އާންމުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޖަވާހިރުގެ ތަޖުރިބާކާރުންނެވެ.