އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އިންޑިއާގެ ކަންނަޑާ ފިލްމީ ތަރި ރުކްމިނީ ވަސަންތުގެ ފޭކް ފޮޓޯތަކަކާއި ވީޑިއޯތަކެއް އުފައްދައި މީސްމީޑިއާގައި އާންމުކުރި މައްސަލައިގައި ބެންގަލޫރުގެ ތިން މީހަކު ހައްޔަރުކޮށްފިއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މީހުން ހައްޔަރުކޮށްފައިވަނީ ރުކްމިނީގެ އަބުރަށް ހުތުރުވާ ގޮތަށް އޭނާގެ މޫނު ބޭނުންކޮށްގެން އުފައްދާފައިވާ ބިކިނީ ފޮޓޯތަކެއް އިންޓަނެޓުގައި ދައުރުކުރަން ފެށުމާ ގުޅިގެން އޭނާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރަވީކުމާރު (24 އ.) އާއި، ޗަންދްރަކާންތު (33 އ.) ގެ އިތުރުން ރަންޖިތު (25 އ.) ނަމަކަށް ކިޔާ ތިން މީހުން ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ.

ފުލުހުން ބުނިގޮތުގައި މި މީހުން އަތުލައިގެންފައިވަނީ ޑިޖިޓަލް މައުލޫމާތުތައް މެދުވެރިކޮށް ހިންގި ތަހުގީގަކަށް ފަހުގައެވެ. ކުށް ކުރުމަށް ބޭނުންކުރިކަމަށް ބެލެވޭ ތިން މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި މައްސަލައިގައި އިތުރު ބަޔަކު ޝާމިލުވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ބެންގަލޫރު ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ޑީޕްފޭކް ބޭނުންކޮށްގެން މީހުންގެ އައިޑެންޓިޓީ ވަގަށް ނެގުމާއި އަބުރު ކަތިލުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. މި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާއިރު، ހައްޔަރުކުރި މީހުން ވަނީ ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައެވެ.