އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ބައިވެރިވާ ސްރީލަންކާގެ ސިފައިންނަށް ބޭނުންވާ 5.5 މިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ ސާމާނު އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި ހަވާލުކޮށްފިއެވެ.
ކޮލަމްބޯގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އިއްޔެ މި ތަކެތި ސްރީލަންކާގެ އަސްކަރިއްޔާއާ ހަވާލުކޮށްފައިވަނީ، އދ. ގެ މިޝަންތަކަށް ލަންކާ ސިފައިން ފޮނުވުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. މިއީ އިންޑިއާގެ އަސްކަރިއްޔާގެ އޮޕަރޭޝަނަލް ސްޓޮކުން ފޯރުކޮށްދިން ތަކެތި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ސަންތޯޝް ޖާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި އެހީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ދިފާއީ ގުޅުން އިތުރަށް ބަދަހިވެ، ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުވެގެންދާނެއެވެ. އަދި އދ. ގެ ފައުޖުގައި ބައިވެރިވުމަށް ސްރީލަންކާއިން އެދުމާއެކު، އިންޑިއާއިން ވަގުތުން އެ ތަކެތި ފޯރުކޮށްދިނުމަކީ ދެ ގައުމުގެ ދިފާއީ ގުޅުމާމެދު އޮތް އިތުބާރާއި ޔަގީންކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އެހީއަކީ އިންޑިއާއާއި ސްރީލަންކާއާ ދެމެދު އަސްކަރީ ގޮތުން އެއްބާރުލުން ދިނުމަށް ކުރިއަށްގެންދާ ސްޓްރެޓީޖިކް މަސައްކަތްތަކުގެ ދަށުން ފޯރުކޮށްދިން އެހީއެއް ކަމަށް ހަބަރުތައް ބުނެއެވެ. މީގެ ކުރިން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައިވެސް އިންޑިއާއިން ވަނީ ސްރީލަންކާގެ ކޯސްޓްގާޑަށް ބޭނުންވާ ބައެއް އުޅަނދުތަކާއި ސަލާމަތީ އާލާތްތައް ހަދިޔާކޮށްފައެވެ. އަދި އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ކޮލަމްބޯއަށް ގޮސް، ދެ ގައުމު ގުޅިގެން އަސްކަރީ ތަމްރީނުތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ސްރީލަންކާގެ ސިފައިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންނެވެ. އިންޑިއާއިން ފޯރުކޮށްދިން މި އާލާތްތަކާއެކު، ސުލްހަ ބެލެހެއްޓުމުގެ މައިދާންތަކުގައި ލަންކާ ސިފައިންނަށް ރައްކާތެރިކަމާއެކު އޮޕަރޭޝަންތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް ސްރީލަންކާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ކޮމެންޓް