މާލެ ޖަލުން 13 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިއްޔެ މާލެ ޖަލުގެ އެނެކްސް އެކަކުން ނެގި ސާމްޕަލްތަކުގެ ތެރެއިން 13 ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޕޮޒިޓިވްވެފައި ވަނީ ގައިދީން އެކަންޏެވެ.

ކަރެކްޝަންސް އިން ބުނީ އެ 13 ގައިދީން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެނެކްސް އެކެއް މިހާރު ލޮކްޑައުން ކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑާ ގުޅޭ އުސޫލުގެ ދަށުން ކަނޑައެޅިފައިވާ ފިޔަވަޅުތައް އަޅަމުން ގެންދާ ކަަމަށް ބުންޏެވެ.

މާލެ ޖަލުން ބަޔަކު ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ ބުރާސްފަތި ދުވަހު ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލާއި ކ. މާފުށީ ޖަލުން ކޮވިޑު ކޭސްތަކެއް ވަނީ ފެނިފައެވެ. އެ ދެ ޖަލުން ޕޮޒިޓިވްވެފައި ވަނީ ދެ އޮފިސަރުންނެވެ.

އޭގެ އިތުރަށް ދޫނިދޫގައި ފުލުހުންގެ ބަންދުގައި ތިބި 14 މީހަކުވެސް އެ ދުވަހު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.