ރީކޯ މޫސާ މަނިކް

ބަރުލަމާނީ ގެންނަން ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް އަޅުގަނޑު ކައިރީ ވިދާޅުވި: ރީކޯ މޫސަ

1

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ފުރޮޅައިލަން ކުރެވެމުންދާ މަސައްކަތަށް ތާއީދު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު، އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

"ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ރައީސް ސޯލިހު ހުންނެވީ ރައްޔިތުން ނިންމާފައިވާ ގޮތުގެ މަތީން ދައުލަތް ހިންގެވުމަށް ކަމަށެވެ. އެ ނިންމުމަށް ފުރިހަމައަށް އިހުތިރާމު ކުރައްވާ ކަމަށާއި މިއީ ނިޒާމުގެ ކަންތަކާ އުޅެން ޖެހޭ ވަގުތެއް ނޫން ކަމަށް ރައީސް ވިދާޅުވި ކަމަށް މޫސަ ވިދާޅުވި އެވެ.

"ރައީސް އަޅުގަނޑު ކައިރީ އިހަކަށް ދުވަހު ވިދާޅުވީ މޫސާއޭ ރައްޔިތުން އެ އޮތީ ގޮތެއް ނިންމާފަ ނޫންނޭ. އެހެންވީމަ އެވާހަކަ ދެން ދައްކަނީ ކީއްކުރަންހޭ. ތިމަންނާ ބޭނުންވާ ގޮތް އެއޮތީ ރައީސް ނަޝީދަށް ވެސް ދަންނަވާފައޭ. ރައީސް ސޯލިހު ރައީސް ނަޝީދަށް ފޮނުއްވި މެސެޖުގެ މާނައަކީ ތިއީ ތިމަން މަނިކުފާނާ ރައީސް ނަޝީދާ ނިންމަން ޖެހޭ ކަމެއް ނޫނޭ. ރައްޔިތުން އޮތީ ގޮތް ނިންމާފައޭ." މޫސަ ވަން އަށް ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، ބަރުލަމާނީ އަށް ވެރިކަން ފުރޮޅުލައިލައްވަން ބޭނުންފުޅު ނަމަ އެކަން ކުރެއްވުމުގެ މަސައްކަތް މާ ކުރީން ވެސް ފެއްޓެވީސް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ރައީސް ވިދާޅުވީ އެމަނިކުފާނު ބަރުލަމާނީ އަށް މިރާއްޖޭގެ ވެރިކަމުގެ ނިޒާމު ގެންދަވާން ބޭނުންފުޅު ނަމަ، 65 މެންބަރުންނާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެންމެ ފުރަތަމަ ވެސް ފެންޓެވީހީ އެ މަސައްކަތޭ." މޫސަ ވިދާޅުވި އެވެ.

ރައީސް ނަޝީދު ރައީސް ސޯލިހަށް މި މަހުގެ 19 ވަނަ ދުވަހު ކުރެއްވި މެސެޖުގައި ވަނީ 2023 ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ވަނަ އަހަރު ނުބާއްވައި، ފަސް ކުރުމަށްވެސް ނަޝީދު ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމުގެ ކުރިން، ގާނޫނުގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ފަރާތަކަށްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ނަޝީދުގެ މެސެޖުގައިވެއެވެ.

"2023 ގެ ފެބްރުއަރީގައި ބަރުލަމާނީއަށް ބަދަލުކޮށް، މިހާރު މަޖިލީހުން ސަރުކާރު އެކުލަވާލައި، އަދި 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުން، 2024 ގައި މަޖިލިސް އިންތިހާބަށް ދާއިރު، ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނުގައިވާ ގޮތަށް މަޖިލިސް އިން ކަނޑައަޅާ މީހަކަށްވުން،" ރައީސް ސޯލިހަށް، ނަޝީދު ކުރެއްވި މެސެޖުގައިވެއެވެ.

އޭގެ އިތުރުން އެއް ފަރާތުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށާއި ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށްވެސް ނަޝީދުގެ މެސެޖުގައިވެއެވެ.