ސިޔާސީ ޕާޓީތަކުގެ ރުހުން އޮތްނަމަ، މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑްރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީ (ސަރުކާރަށް) ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައެޅުމަށް، ވޯޓަށް އައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިއްޔެ އެ މައްސަލައަށް މަޖިލީހުން ގޮތެއް ކަނޑަނޭޅުމުން، ދެވަނަ ފަހަރަށް އެ މައްސަލަ މިއަދުވެސް މަޖިލީހަށް ހުށަހެޅުއްވި އެވެ.
މަޖިލިސް ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި މައްސަލަ އަލުން މަޖިލީހަށް ހުށަހަޅުއްވަނީ، ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާ މައްސަލައާ ގުޅޭ ފަރުވާއެއް ލިބިފައި ނުވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ދެނެގަނެ އެކަމަށް ގޮތެއް ނިންނުމަށް ކަމަށެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއެކު، ނުވަ މެންބަރުންގެ ކޮމިޓީއަކަށް ފޮނުވައިގެން އެ މައްސަލަ ދިރާސާކުރަން މަޖިލީހުން ފާސްކޮށް، އެ ކޮމިޓީވެސް އެކުލަވައިލިއެވެ.
އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީއާ މުހާތަބު ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ކޮމިޓީގެ ބައްދަލުވުންތައް ވަގުތުން ފެށުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެކަމާބެހޭ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް މަޖިލީހުގެ އަމީން އާއްމަށް ދަންނަވާނެ ކަމަށެވެ.
މިއަދާއި މިރޭ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންގޮސް އެކަމާބެހޭ ކޮމިޓީ ރިޕޯޓް މާދަމާއަށް ނިންމައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ރުހުން އޮތްނަމަ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، އެ ކަމަށް ވޯޓަށް އައްސަވާނެ ކަމަށާއި، އެއްވެސް ސަބަބަކާހުރެ ސިޔާސީ ޕާޓީތަކުގެ ރުހުން ނުލިބިއްޖެނަމަ އަންނަ އާދިއްތަ ދުވަހު އެއަށް ވޯޓަށް އައްސަވާނެ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެމަނިކުފާނު ވިދާޅުވީ، އެފަދަ ކަމެއްގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން ސިޔާސީ ޕާޓީތަކުގެ ރުހުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އާއްމުކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނީ، ހަފްތާގެ ހޯމަ، އަންގާރަ، ބުދަ، މި ތިން ދުވަހުއެވެ.
ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑްރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީން (ސަރުކާރަށް) ދީފައިވާ ހުއްދައިގެ މުއްދަތު މިމަހު 26 ގެ ކުރިން އިތުރު ކުރަންޖެހެއެވެ.
އެއީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އައި ލޮޅުން ހަމައަކަށް އަޅުވަން، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން، ނުވަތަ ދަރަންޏަށް ނެގުމަށް މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 26 ގައި މަޖިލީހުން ދިން އެއް އަހަރު ދުވަހުގެ ހުއްދައިގެ މުއްދަތު މިމަހު 26 އަށް ހަމަވާތީއެވެ.
މިމަހު 26 ގެކުރިން އެ މުއްދަތު އިތުރު ނުކޮށްފިނަމަ ސަރުކާރު ހުއްޓުމަކަށް އަތުވެދާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މާދަމާ މަޖިލިސް ޖަލްސާ ބާއްވަން ސިޔާސީ ޕާޓީތަކުގެ ރުހުން ނުލިބިއްޖެނަމަ ދެން އެ މައްސަލައަށް ވޯޓަށް އެހޭނީ 25 ވާ އާދިއްތަ ދުވަހު ނުވަތަ 26 ވާ ހޯމަ ދުވަހުއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް