ޔޫއެފާ

ޗެލްސީއާއި ސިޓީ ސުޕަ ލީގުން ބޭރަށް

އަމިއްލަ ލީގެއްގެ ގޮތުގައި ބޮޑެތި ބައެއް ކްލަބުތައް ގުޅިގެން އުފައްދައި، އިއުލާން ކޮށްފައިވާ ޔޫރަޕިއަން ސުޕަ ލީގުގައި ހިމެނުނު ޗެލްސީއާއި މެންޗެސްޓާ ސިޓީން އެ ލީގު ދޫކޮށްލަން ނިންމައިފިއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުން އެ ދެ ކްލަބުންވެސް ސުޕަ ލީގު ދޫކޮށްލަން ނިންމައި، އެކަމުގެ ގާނޫނީ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މައުލޫމާތު ޕްރިމިއާ ލީގުގެ އިތުރުން ވަރުގަދަ ނޫސްތަކުން ވަނީ ޔަގީންކޮށްދީފައެވެ.

ޔޫރަޕްގެ 12 ކްލަބެއް ހިމެނޭހެން، ޔޫއެފާއާއި ފީފާގެ ތަރަހައިން ބޭރު ލީގެއް އިއުލާންކޮށް އެކަން ކުރަން އެންމެ ކުރީ ސަފުގައި ނުކުމެފައިވަނީ ރެއާލް މެޑްރިޑްގެ އިތުރުން ޔުވެންޓަސްއާއި މެންޗެސްޓާ ޔުނައިޓެޑްގެ ވެރިންނެވެ. ލީގު އިއުލާން ކުރިތާ 48 ގަޑިއިރެއްހާއިރު ވެފައިވަނިކޮށް، އެ ލީގަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، ބޮޑެތި ކްލަބުތަކުގެ ސްޓޭޑިއަމް ކައިރީގައި ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކުރަންވެސް ފަށައިފައެވެ.

ޗެލްސީން މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުމުންދާ މެޗުގެ ކުރިން ޓީމު ބަހަށްވެސް ވަނީ ސްޓޭޑިއަމްއަށް ވަނުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ގާތްގަނޑަކަށް 1000 އެއްހާ ސަޕޯޓަރުން ސްޓޭޑިއަމް ކައިރީގައި އަޑު އުފުލާފައިވާ އިރު، ބަހަށް ވަދެވުނީ ޗެލްސީގެ ލެޖެންޑަރީ ގޯލްކީޕަރު، އަދި މިހާރުގެ ޓެކްނިކަލް ޑިރެކްޓަރު ޕީޓާ ޗެކު ސަޕޯޓަރުންނާ ވާހަކަދައްކައިގެންނެވެ.

ޕްރިމިއާ ލީގުން ލީގުގައި ހިމެނުނު ހަ ކްލަބުގެ ތެރެއިން ޗެލްސީއާއި ސިޓީން ނަން ނަގަން ނިންމާފައިވާ އިރު، ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމްއާއި އާސެނަލްއިންވެސް ސުޕަ ލީގާއެކު ކުރިއަށް ނުދާނެ ކަމަށް ބެލެވެއެވެ. ޔުނައިޓެޑުން ސުޕަ ލީގު ކަންކަމުގައި އެންމެ އިސްކޮށް އުޅުނު ވައިސް ޗެއާމަން އެޑް ވުޑްވާޑް މަގާމުން އިސްތިއުފާ ދޭން ނިންމާފައިވާ އިރު، ލިވަޕޫލްގެ ކުޅުންތެރިންގެ ފަރާތުންވެސް ވަނީ ސުޕަ ލީގާ ދެކޮޅަށް ވާހަކަދައްކައިފައެވެ.

ސުޕަ ލީގުގައި ބައިވެރިވި ކްލަބުތަކުގެ ކުޅުންތެރިންނާއި ކްލަބުތަކަށްވެސް ފީފާއާއި ޔޫއެފާއިން ވަރުގަދަ އިންޒާރުތައް ދީފައިވާ އިރު، ބެލެވޭ ގޮތުގައި ލީގުގައި ބާކީ ތިބި ކްލަބުތަކުންވެސް އެ ނިންމުން އަނބުރާ ގެންދާނެއެވެ. އެގޮތުން ބައެއް ނޫސްތަކުން ބުނެފައިވަނީ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑުންވެސް ނަން އަނބުރާ ގެންދަން މިހާރު ވަނީ ތައްޔާރުވެފައެވެ.