މަންމަ ވިހަން ހޮސްޕިޓަލަށް ގެންދިއުމުން، މާލޭގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާތަކެއް ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އެ ކުއްޖާގެ މަންމަ ވިހެއުމަށް އެޑްމިޓްކޮށް ހޮސްޕިޓަލްގައި އެ ހޭދަވި ދުވަސްތަކުގައެވެ. އެ ދުވަސްތަކުގައި ކުޑަ އަންހެން ކުއްޖާ ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ އޭނާގެ މަންމައާ އެއްބަނޑު އެއްބަފާ އަންހެނަކާ ކަމަށް ވެސް ވަނީ އެނގިފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހިނގި އެ ކަންތައްތަކުގެ ވާހަކަ އެ ކުއްޖާގެ މަންމައަށް ކިޔައިދީފައިވަނީ މި ހަފުތާ ތެރޭގައެވެ. އެއާ އެކު އެ މައްސަލަ ވަނީ ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފަ އެވެ. އަދި ޖެންޑާގެ ބެލުމުގެ ދަށުން އެ ކުއްޖާގެ ސިއްހީ ހާލަތު ޑޮކްޓަރުން ވެސް ވަނީ ދެނެގަނެފަ އެވެ.

އެހެން ނަމަވެސް އަދިވެސް އެމައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައެއް ނުވެއެވެ.

އެ ކުއްޖާ ބެލި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު 'ވަން' އަށް ވިދާޅުވީ، އެފަދަ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް އާންމު ކަމެއް ކަމަށާއި ހާއްސަކޮށް ކުޑަކުއްޖާއަށް އިތުބާރު ކުރެވޭ މަގާމުގައި ހުރެ ޖިންސީ ގޯނާކުރުން ވަނީ ރާއްޖޭގައި އާންމު ވެފައި ކަމަށެވެ.

"ހަފުތާއެކު އެއްފަހަރު ކަހަލަ ގޮތަކަށް އެފަދަ މައްސަލައެއް އާދޭ. އެއީ އަދި އެނގިގެން އަޅުގަނޑުމެންނާ ހަމައަށް އަންނަވަރު. އަދި ނޭނގި ކިހާވަރަކަށް ހިނގާނެ ތޯ،" ވަން އާ ވާހަކަދެއްކެވި ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު ވިދާޅުވި އެވެ.

މި ހަފުތާ ތެރޭގައި ވަނީ މާލޭގައި އަންހެނަކު ރޭޕް ވެސް ކޮށްފަ އެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ކޯޓުން ވަނީ މުއްދަތުވެސް ޖަހާފަ އެވެ.

ޖިންސީ ގޯނާ އާއި ރޭޕް ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެހެން ނަމަވެސް މިފަދަ ކަންކަމަށް އެކަށިގެންވާ ފިޔަވަޅުތަކެއް ނޭޅެ ކަމަށް ބުނެ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ މުޒާހަރާތައްވެސް ކުރިއަށް ގެންގޮސްފަ އެވެ.