އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިއީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކުރި މައްސަލައެކެވެ.

މި ދައުވާ ކޮށްފައިވަނީ 2013 ވަނަ އަހަރުން ފެށިގެން އޭނާގެ އޭރުގެ އަނބިމީހާގެ އަށް އަހަރުގެ ކޮއްކޮ ރަށުގައި ދިރިއުޅުނު ދުވަސްވަރާއި 2014 ވަނަ އަހަރު ކުއްޖާ މާލެ ބަދަލުވި ފަހުން، ވެސް ކުއްޖާއަށް އޮރިޔާން މަންޒަރާއި އޮތިޔާން ފޮޓޯ، ދައްކައި އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާތީއެވެ.

މި މައްސަލައިގައި ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން އެ މީހާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެމީހާ 18 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

ނަމަވެސް އެ މައްސަލައިގައި ހުކުމް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ހޯދި ހެއްކާއި އިއުތިރާފު ޝަރީއަތަށް ބަލައިގަނެގެން ކަމަށް ބުނެ، އެ ކުށް ކުރި މީހާގެ ފަރާތުން ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. ހައިކޯޓުގައި އޭނާ އެދިފައި ވަނީ ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކޮށްދިނުމަށެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ހުކުމް ކުރީ، ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދު ކުރާ ކަމަށެވެ.