އިންސްޓަގްރާމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް (ސީއެސްއޭއެމް) އިޝްތިހާރުކުރާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެފަދަ ހުރިހާ ކޮންޓެންޓެއް ވަގުތުން ނެގުމަށް އިންޑިއާ ސަރުކާރުން މެޓާއަށް ހަތް ދުވަހުގެ މުހުލަތެއް ދީފިއެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ (މެއިޓީ) އިން މި އެންގުން އަންގާފައިވަނީ، ބީބީސީން ދާދިފަހުން އާންމުކުރި ތަހުގީގީ ރިޕޯޓަކާ ގުޅިގެންނެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންސްޓަގްރާމުގައި ފައިސާ ދީގެން ޕްރޮމޯޓުކުރާ އިޝްތިހާރުތަކެއް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ވިއްކާ ޓެލެގްރާމް ޗެނަލްތަކަށް މީހުން ވައްދަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މެއިޓީން މެޓާއަށް ފޮނުވި ނޯޓިސްގައި ބުނެފައިވަނީ، މިކަމަކީ އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ ރޫލްސް 2021 އާއި އައިޓީ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އަދި ހަތް ދުވަހުގެ ތެރޭގައި މިފަދަ އިޝްތިހާރުތައް އެޕްރޫވްވި ގޮތުގެ ތަފުސީލީ ރިޕޯޓެއް ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.
މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، އިންޑިއާގެ އައިޓީ ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ސޯޝަލް މީޑިއާ ކުންފުނިތަކަށް ލިބިދޭ ގާނޫނީ ރައްކާތެރިކަން މެޓާއަށް ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ވެސް އިންޒާރުދީފައިވެއެވެ. މީގެ މާނައަކީ ޕްލެޓްފޯމުގައި އާންމުކުރާ ގާނޫނާ ހިލާފު ކޮންޓެންޓުގެ ސީދާ ޒިންމާ ކުންފުނިން އުފުލަން ޖެހުމެވެ.
މި މައްސަލައާ ގުޅިގެން މެޓާގެ ތަރުޖަމާނަކު ބުނިގޮތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ޕްރޮމޯޓުކުރުމަކީ އެ ކުންފުނިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫނެވެ. އެފަދަ ކޮންޓެންޓު ދެނެގަތުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށާއި، ނަމަވެސް 3.5 ބިލިއަން ޔޫޒަރުންގެ ތެރޭގައި ފިލައިތިބެގެން ކުށްކުރާ ފަރާތްތައް ހޯދުމަކީ ދަތިކަމެއްކަން އޭނާ ފާހަގަކުރިއެވެ.
އިންޑިއާ ސަރުކާރުން މިހާރު ވަނީ މި މައްސަލައިގައި ޖަވާބުދާރީވުމަށް މެޓާގެ އިސްވެރިން ހާޒިރުކުރުމަށް ވެސް ނިންމައިފައެވެ. މެޓާއިން މިކަމަށް އަމަލީ ސިފައެއްގައި އަޅާނެ ފިޔަވަޅުތަކެއް ސާފުވާނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުންފުނިން ސަރުކާރަށް ހުށަހަޅާ ރިޕޯޓަށް ފަހުގައެވެ.
މެޓާ
މެޓާ
މެޓާ
ކޮމެންޓް