ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް، އެ ވިސާގެ މުއްދަތު އިތުރުކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަން ގާނޫނު ބުނާ ގޮތުން، ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ ފަތުރުވެރިޔަކަށް އެމީހަކު އެފަހަރަކު ރާއްޖެ އައި ދުވަހުން ފެށިގެން ފީއެއް ދެއްކުމަކާ ނުލައި 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ހުރެވޭނެއެވެ. ނަމަވެސް ކޮންމެ ތިން މަހަކަށް ނުވަތަ ތިން މަހުން ބަޔަކަށް 750 ރުފިޔާ ދެއްކުމަށްފަހު އެމީހަކު އެފަހަރަކު ރާއްޖެ އައި ދުވަހުން ފެށިގެން 90 ދުވަހަށްވުރެ އިތުރުނުވާ ގޮތުގެ މަތިން، ރާއްޖޭގައި ހުރުމުގެ ހުއްދަ ދެވޭނެއެވެ.
އެ ހުއްދަ އިތުރުކޮށްދިނުމުގެ އިހުތިޔާރު އޮންނަނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށެވެ. އިތުރު ނުކޮށްދޭނަމަ ޖެހޭނީ ފުރައިގެންދާށެވެ.
މިނިސްޓަރު މައުސޫމް މިއަދު "ވަން" އަށް ވިދާޅުވީ، ދިގު މުއްދަތަކަށް ޓޫރިސްޓުން ރާއްޖޭގައި ތިބެވޭނެ ފަސޭހަ ގޮތެއް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަކީ އަވަސް އަވަހަށް ތަންތަނަށް ދަތުރުކުރަން ބޭނުންވާ ބަޔަކަށް ނުވާތީ، ދިގު މުއްދަތަކަށް ތިބެވޭނަމަ އެ މާކެޓަށް އޮތް އުންމީދު ބޮޑު ކަމަށް ވިދާޅުވިއެވެ.
"ޓޫރިސްޓު ވިސާ އިތުރުކުރުމުގެ ކޮންސެޕްޓް މިއައީ އެކަމަށް ޓޫރިސްޓުންގެ ޑިމާންޑު ބޮޑުވެގެން. އެއީ ހަމަ އޮތެންޓިކް ޓޫރިސްޓުން. ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މީހުން،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ފަތުރުވެރިންނަށް އަހަރެއްގެ ޓޫރިސްޓު ވިސާ ލިބޭނެ ގޮތް ހެދުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް ބޮޑަށް ބުރަވަނީ ފުރަތަމަ ތިން މަހަށްފަހު ފަހަރަކު ގިނަވެގެން 30 ދުވަހުން އިތުރުކުރެވޭނެ ގޮތަށް ހަދައި، އެންމެ ގިނަވެގެން ޖުމުލަ 270 ދުވަހުގެ ޓޫރިސްޓު ވިސާ ލިބޭ ގޮތް ހެދުން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމު ވިދާޅުވީ، ޓޫރިސްޓު ވިސާ ތިން މަހަށްވުރެ އިތުރުކުރަން މަސައްކަތް ކުރި ނަމަވެސް އޮން އެރައިވަލް ވިސާ ތިން މަހަށްވުރެ އިތުރުކުރަން ނުފެންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު