ހައިކޯޓު

17 އަހަރުގެ ފަތުރުވެރިޔަކަަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ބަންދުކުރި މީހާ ދޫކޮށްލަން ޖެހިއްޖެ

އިބްރާހިމް ޒަކީ

ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ 17 އަހަރުގެ އިޓަލީ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރު ކުރި ޏ. ފުވައްމުލަކުސިޓީ ރަންދޯދިގެ މުހައްމަދު ހަންނާދު އެ މައްސަލަ ނިމެންދެން ޖަލުގައި ކޮށްފައިވާ ބަންދުން ދޫކޮށްލަން ޖެހިއްޖެއެވެ.

ހުސްވި މާޗް މަހުގެ 19 ވަނަ ދުވަހު އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމަހުގެ 22 ވަނަ ދުވަހު ހަންނާދު ހައްޔަރުކުރިއެވެ.

އެއަށްފަހު ހަންނާދު ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން މުޖުތަމައުގައި ހިމެނޭ ކުދިންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެ، އޭނާގެ ފަރާތުން އެފަދަ ކަމެއް ތަކުރާރު ވެ މައްސަލައިގެ ހެކިބަސްދޭ ހެކީންނަށް ނުފޫޒު ފޯރުވަފާނެ ކަމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން، އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ފުލުހުން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެވެ.

ފުލުހުންގެ ހުށަހެޅުމާ އެއްގޮތަށް ހަންނާދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަގެ ޝަރީއަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ރިމާންޑް ޖަލެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން މާޗްމަހުގެ 23 ވަނަ ދުވަހު އަމުރު ކުރިއެވެ.

ނަމަވެސް އޭނާ ބަންދު ކުރުމަށް އެކޯޓުން ނެރުނު އަމުރަކީ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ ހަންނާދުގެ ފަރާތުން އެ ކޯޓު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަަލަ ބަލައި ހައިކޯޓުން މިއަދު ބުނެފައިވަނީ، އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުން މަސައްކަތް ކުރާ ކޯޓެއްނަމަ، ހައްޔަރުގެ އަމުރު ނެރުނު ފަނޑިޔާރު، އެ އަމުރަކާ ގުޅިގެން ހައްޔަރުކުރި މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ މައްސަލަ ބެލުމުގައި ބައިވެރިވެގެން ނުވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަކީ އެއް މެޖިސްޓްރޭޓަށްވުރެ ގިނަ މެޖިސްޓްރޭޓުން އައްޔަންކޮށްފައިވާ ކޯޓެއް ކަމާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ހަންނާދުގެ މައްސައާ ގުޅިގެން އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން އެދުމުން އެ އަމުރު ނެރެފައިވަނީ ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށާއި، ހަންނާދު ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމާފައި ވަނީ އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރުނު ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން އެ ކޯޓުގެ ކޯޓު އަމުރަށް ބެލުމުން އެނގޭކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރަކީ، ގާނޫނާ އެއް ގޮތަށް ނެރެފައިވާ ކޯޓު އަމުރެއްކަމަށް އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަސް ނުވެވޭތީ، ހަންނާދު މަންދުގައި ބެހެއްޓުމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ބާތިލު ކަމަށް ހައިކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.