ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއުން ފަންނީ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީތަކުން ފްލެޓް ލިބުނު ފަރާތްތަކުން އެތަން ދޫކޮށްލަން ބޭނުން ނަމަ އެންގުމަށް ދިން މުހުލަތު އިތުރުކޮށްފިއެވެ.

ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ، ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި ސިވިލް ސާވިސް ކެޓަގަރީން ފްލެޓު ލިބުނު ފަންނީ ފަރާތްތަކުން އެ ފްލެޓުތައް ދޫކޮށްލުމުން، ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއަކުން ފްލެޓު ހޯދުމުގެ ފުރުސަތު، މިމަހުގެ ފަސްވަނަ ދުވަހު ވަނީ ހުޅުވާލައިފައެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ކުރިން ދިން މުއްދަތު އިތުރުކޮށްދިނުމަށް އެދި ގިނަ ފަރާތްތަކުން ހުޅަހަޅަމުންދާތީ، އެ ފުރުސަތު އިތުރަށް ހުޅުވާލާފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ގުރުއަތުލުމާއި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް މިހާރު ކުރިއަށްދާތީ، އެއްބަސްވުމުގައި ސޮއި ކުރުމަށްފަހުވެސް ތިން މަސް ދުވަހުގެ މުއްދަތެއް، (ހުޅުވާލެވޭ ފުރުސަތުގެ ހައުސިން ޔުނިޓުތަކުގެ އަދަދު ހަމަވަންދެން) ހިޔާ މަޝްރޫއުގެ ދަށުން ލިބޭ ފްލެޓު ދޫކޮށްލުމަށްފަހު އެހެން ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުނީ ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއުގެ ދަށުން މިވަގުތު އެންމެ އަވަހަށް ލިބެން އޮތް ފުރުސަތަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީ ކުރާ "ވިނަރެސް" (1344 ހައުސިން ޔުނިޓް) އިން އެ ފްލެޓުތަކުގެ އަގާ އެއްގޮތްވާ ގޮތުގެ މަތިން، ފްލެޓް ލިބުމުގެ ފުރުސަތު ކަމަށެވެ. އެ ފުރުސަތުތަކާ ބެހޭގޮތުން، މައުލޫމާތު ދިނުމަށް މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 10:00 ގައި އެޗްޑީސީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7000 ފްލެޓް މަޝްރޫއުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެހެން ނަމަވެސް ދާއިމީ ލިސްޓަށް ހޮވިފައިވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށްބުނެ ފްލެޓް ލިސްޓު އަލުން މުރާޖައާކޮށް، ފްލެޓް ލިބޭ ފަރާތްތައް އަލުން ކަށަވަރު ކުރުމަށް، ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ސަރުކާރަށް ވަނީ ލަފާ ދީފިއެވެ.

ހިޔާ ފުލެޓްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓެގަރީ ނުވަތަ އެޗް-10 ކެޓެގަރީގެ ގުރުއަތުލުން މިމަހުގެ އަށް ވަނަ ދުވަހު ވަނީ ބާއްވައިފައެވެ. ނަމަވެސް ގުރުއަތުލުން ދެން ކުރިއަށްގެންދަން ނިންމާފައިވަނީ ފުލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓު ލިބޭ ވަރަކުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.