ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް، އެޓީމުގެ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކޮށް މެންޗެސްޓާ ސިޓީން ސެމީ ފައިނަލުގެ ޖާގައެއް ޔަގީން ކޮށްފިއެވެ.

އެ ކްލަބުގެ ތާރީހުގައިވެސް ދެވަނަ ފަހަރަށް ސިޓީން ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާއިރު، ރޭގެ މެޗުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުންވެސް ސިޓީ 2-1 އިން މޮޅުވެފައި އޮތްއިރު، އެޓީމުން ކުއާޓާ ކާމިޔާބުކުރީ އެގްރިގޭޓް 4-2ގެ ނަތީޖާއަކުންނެވެ.

ސިޓީން 2016 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީން ފުރުސަތު ހޯދާފައިވާއިރު، އެޓީމުން ސެމީގައި ނުކުންނަން ޖެހޭނީ މިދިޔަ އަހަރުގެ ރަނަރަޕް ޕީއެސްޖީއާ ދެކޮޅަށެވެ.

މެޗު ފަށިގެން 15 ވަނަ މިނިޓްގައި އިނގިރޭސި މިޑްފީީލްޑަރު ޖޫޑް ބެލިންހަމް ވަނީ ޑޯޓްމަންޑަށް ލީޑުނަގައިދީފައެވެ. 17 އަހަރުގެ ބެލިންހަމް ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ގޯލާއެކު ސިޓީއަށް ޕްރެޝަރުވެފައި ވަނީ ޑޯޓުމަންޑުގެ އަވޭ ގޯލާއެކު ސިޓީއަށް އެގްރިގޭޓް ގެެއްލުމުންނެވެ.

އެ ޕްރެޝަރުގައި ކުރިއަށް ޖެހި، ސިޓީން އެޓޭކް ކުރަން ފަށާފައިވާއިރު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 10 މިނިޓް ތެެރޭ ސިޓީން އެއްވަރުކުރިއެވެ. ސިޓީގެ ގޯލް ޖެހީ ޕެނަލްޓީ އަކުން ރިޔާދު މާރޭޒްއެވެ. އެއީ ޑޯޓްމަންޑްގެ އޭރިއާ ތެރެއިން އެމްރޭ ޗޭންގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނެލްޓީއެކެވެ. އޭގެ އިރުކޮޅެއް ފަހުން ފިލް ފޯޑަންގެ ހިތްގައިމު ގޯލަކާއެކު ސިޓީން ސެމީ ފައިނަލް ޔަގީން ކުރިއެވެ.

ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ރެއާލްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. އެ ނަތީޖާއާއެކު ރެއާލްއަށް އެގްރިގޭޓް 3-1 ގެ ނަތީޖާއަކުން ކުރި ލިބޭއިރު، ސެމީގައި ރެއާލް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ރޭގެ މެޗުގައި ލިވަޕޫލުން ފުލުފުލު އެޓޭކްކޮށް، ހަމަލާތައް އުފެއްދި ނަމަވެސް، އެޓީމަށް ގޯލް ހުޅުވާލެވޭނެ ގޮތެއް ނުވިއެވެ. ރެއާލްގެ ފަހަތް ބެލެހެއްޓުމުގައި އެޑާ މިލީޓޯއާއި ނަޗޯގެ ހިތްވަރު ފާހަގަކޮށްލެވުނެވެ. އެ ދެކުޅުންތެރިންނަކީވެސް އާންމުކޮށް ރެއާލްގެ ފުރަތަމަ 11 ގައި ނުހިމެނޭ ދެ ސެންޓްރަލް ޑިފެންޑަރުންނަށް ވާއިރު، އާންމުކޮށް 11 ގައި ހިމެނޭ ކެޕްޓަން ސާޖިއޯ ރާމޯސްއާއި ރަފޭލް ވަރާންއަށް ރޭގެ މެޗު ގެއްލުނީ ކޮވިޑް 19 އަށް ޕޮސިޓިވް ވުމާއި ގުޅިގެންނެވެ.