ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ގިނަ މެންބަރުން ވޯޓުލާން ނުކުމެފައި ނުވަނީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލާ ވާހަކަތައް ދައްކަމުންގެންދާތީ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އެ އިންތިހާބުގައި ވޯޓުލާން ނުކުމެފައިވަނީ 65 އިންސައްތައެއްހާ މީހުންނެވެ. އެންމެ މަދުން މީހުން ވޯޓުލާން ނިކުމެފައިވަނީ ވެރި ރަށް މާލެއިންނެވެ. އެއީ 22 އިންސައްތަ މީހުންނެވެ. އަދި ފުރަތަމަ ފަހަރަށް މާލޭ ސިޓީ ކައުންސިލުގެ އަގުލަބިއްޔަތު ވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.
"އެމްޑީޕީގެ މެންބަރުން ހަގީގަތުގައި ވޯޓުލާން އެ ނުނިކުތީ ބައިވަރު ބައިވަރު ސަބަބުތަކެއް ހުރީތީ،" ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އަލީ އާޒިމް ވިދާޅުވިއެވެ.
އެމްޑީޕީން މީގެ ކުރިން ދެއްކި ވާހަކައަކީ ވައްކަން ކުރާ މީހުން ހައްޔަރުކުރާނެ ވާހަކަކަން ފާހަގަކުރައްވައި، އަލީ އާޒިމް ވިދާޅުވީ އެ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ކަމަށް ބުނި ނަމަވެސް އެކަން އެންމެ ބާރު ސްޕީޑުގައި ކުރިއަށް ނުދާ ކަމަށެވެ.
"އިހަށްދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނުކުމެ ބުނީ ޔާމީން ދޫކޮށްލާށެކޭ އެއް ނޫން. ދޫކޮށްލާ ވާހަކަ ދައްކާތީވެ އެކަމާ ކަންބޮޑުވެގެން ދިވެހި ރައްޔިތުން ވޯޓުލާން ނުނިކުތީ،" އަލީ އާޒިމް ވިދާޅުވިއެވެ.
ގިނަ ރައްޔިތުން ވޯޓުލާން ނުނިކުތުމުން އެ ބުނަނީ ވައްކަން ކުރި އިތުރު މީހުން އަވަހަށް ހައްޔަރުކުރަން ކަމަށް އަލީ އާޒިމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، މި ސަރުކާރުގައި ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގި ނަމަވެސް 80 އިންސައްތައަށް އެކަން ދަށްކޮށްފައި ވާނެ ކަމަށެވެ.
ކުރިއަށް ހުރި އިންތިހާބުތަކަށް ކުރިމަތިލާއިރު ރައްޔިތުން ބޭނުންވާ ހުރިހާ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވެސް އަލީ އާޒިމް ވިދާޅުވިއެވެ. އެކަންތައް ކުރުމަށް މިހާރު ލަސްވެފައި ވަނީ، ސަބަބުތަކެއް ހުރުމުން ކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު