މަހަށް ނިކުމެ އުޅެނިކޮށް ހާލު ދެރަވި ބިދޭސީއަކު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށްފަހު ދޫކޮށްލި އިރު އޭނާއާ ހަވާލުވާނެ މީހަކު ނެތް ކަމަށް އެ ހޮސްޕިޓަކުން ބުނެފި އެވެ.

ގއ. ވިލިނގިލީގެ އިރު ދެކުނުން 23 ނޯޓިކަލް މޭލު ބޭރުން 16 މީހުންނާއި އެކު މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި ބިދޭސީ ފަޅުވެރިޔަކު ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން އެހީތެރިކަމަށް އެދުމުން ރޭ 3:20ގައި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އޭނާ ވަނީ ވިލިނގިލީގައި ހުންނަ އެއަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެމީހާ އަކީ "މަސްގެލެރީ" ނަމަކަށް ކިޔާ ދޯންޏަކުން މަހަށް ދިޔަ ބަންގްލަދޭޝް މީހެކެވެ. މިއީ ކޮން ރަށެއްގެ ދޯންޏެއް ކަމެއް އަދި ނޭނގެ އެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހުމަދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެމީހާ އެއީ ބަނޑުގައި ރިއްސާތީ ގެނައި މީހެއް ކަމަށާއި އޭނާއަށް ފަރުވާދީ މިހާރު ހާލު ރަނގަޅު ކަމަށެވެ.

ޝަރީފު ވިދާޅުވީ އެމީހާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އޭނާއާ ހަވާލުވާނެ އެއްވެސް މީހަކު ނެތް ކަމަށެވެ. އަދި އެމީހާ މަހަށް ދާ ދޯނިވެސް "ފިލާފައިވާ" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޒިންމާ އަކީ އޭނާ އަށް ފަރުވާ ދިނުން. އެކަން އަޅުގަނޑުމެން ކޮށްފިން. އެކަމަކު އެމީހާ އަކީ އެއްވެސް އައިޑެންޓިޓީއެއް އެއްވެސް ޑޮކިއުމެންޓެއް އޮތް މީހެއް ނޫން. އޭނާ މަހަށް ދާ ދޯނި ފިލައިފި. އެ ދޯނިން ދިން ނަންބަރަށް ވަރަށް ގުޅައިފިން، ފޯނެއް ނުނަގާ. ހޮސްޕިޓަލް ބިލްތައް ދައްކާނެ ގޮތެއް ނެތް ކަމަށް ބިދޭސީ މީހާ ބުނީ. އޭނާ ޑިސްޗާޖް ކުރިއަސް ބިލްތައް ޕޭ ނުކުރެވިގެން ހިފަހައްޓާފަ މިހުންނަނީ. އެކަމަކު އޭނާއާ މެދު އަމަލު ކުރާނެ ގޮތަކާ މެދު މިދަނީ މަޝްވަރާކުރަމުން. މިކަމުގަ ފުލުހުންގެ ދައުރެއް ނޯވޭ. އެހެންވީމަ އަޅުގަނޑުމެންނަކަށް އެމީހުންގެ އެހީތެރިކަމަށްވެސް ނޭދެވޭނެ." އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ކައުންސިލްގެ އެހީތެރިކަމަށް އެދުމަށް ހޮސްޕިޓަލްގެ މެނޭޖްމަންޓާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ހޮސްޕިޓަލަށްވެސް ވަރަށް އުދަނގޫ ވާ ކަންކަން ކަމަށާއި ސަރުކާރުން ވެސް މިކަންކަމަށް ހައްލެއް ހޯދައިދިނުމަކީ ވަރަށް އެދޭ ކަމެއް ކަމަށް ވިދާޅުވި އެވެ. ފާއިތުވި އަހަރެއްހައި ދުވަސްތެރޭގައިވެސް މިފަދަ އެތައް ބިދޭސީއަކަށް ސިއްހީ އެހީތެރިކަން ފޯރު ކޮށްދީފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ގަވާއިދާ ހިލާފަށް މިގޮތަށް ރާއްޖޭގައި އުޅެ ބިދޭސީންގެ ކަންކަން ބަލަހައްޓަމުން އަންނަނީ އިމިގްރޭޝަނުންނެވެ. މަސްވެރިކަމުގައި ބިދޭސީން ގެންގުޅުމަކީ ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން މަނާ ކަމެކެވެ. ނަމަވެސް ދޯނި ބެލެހެއްޓުމާއި ސާފުކުރުމުގެ މަސައްކަތުގައި ބިދޭސީން ބޭތިއްބެ އެވެ.