ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އިމާރާތް ކުރި ހިޔާ ފްލެޓުތަކުން ކުލީގެ ގޮތުގައި 5،600 ރުފިޔާ ނެގިދާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ނިންމާފައިވަނީ ޑައުންޕޭމަންޓް ނުދައްކާ ނަމަ ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7،500 ރުފިޔާ ކަމަށެވެ. އެއީ 25 އަހަރު ދުވަހަށެވެ. ޑައުންޕޭމަންޓް ދައްކާ ނަމަ އެ އަދަދު ކުޑަވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ހިޔާ ފްލެޓްތަކާއި ބެހޭ ގޮތުން ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ އަގު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އޮޅުވާލައިފައި ކަމަށެވެ. އެގޮތުން އެތަންތަން ފުރިހަމަ ކުރުމަށް ފަހު ބްރޭކްއީވެން އާއި ލައިގެންވެސް މަހަކު 5،600 ރުފިޔާއަށް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

"5،600 އެއީ 20 އަހަރުން، 25 އަހަރުންވިއްޔާމުން 3800 ކޮންމެވެސް ވަރެއް 3900 އަކަށް ނާރާނެ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެޗްޑީސީއަށް ހިޔާ ފްލެޓްގެ އަގު ހަދަން ނޭނގެނީނަމަ މާލޭ ސިޓީ ކައުންސިލުންވެސް އެކަން ކޮށްދޭނެ ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހިޔާ ފުލެޓުތައް ހަވާލުކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް، ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ނިމިފައި ނުވާތީ އެކަން ކުރެވިފައެއް ނުވެއެވެ. ސަރުކާރުން މިހާރު ބުނެފައިވަނީ ފުލެޓުގެ ތަޅުދަނޑި މިމަހު ތެރޭގައި ހަވާލު ކުރެވޭނެ ކަމަށެވެ. މިހާރު ކުރެވެމުން އަންނަ މަސައްކަތަކީ ހިޔާ ފްލެޓްތަކުގެ ގުރު ނެގުމުގެ މަސައްކަތެވެ.