މިހާރު މިއޮތް ރައީސުލްޖުމްހޫރއްިޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ، އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދުވަހު ނޫސް އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި މުހިއްމު ދާއިރާ ތަކަކުން އެމްޑީޕީއަށް ނާކާމިޔާބު ވެފައިވާކަން ފާހަގަ ކުރައްވައި އަލީ އާޒިމް ވިދާޅުވީ، އެއީ ރައްޔިތުން އުއްމީދު ކުރި ކަންތައްތައް، ބާރު ސްޕީޑްގައި ކުރިއަށް ނުގެންދެވުމުގެ ނަތީޖާ ކަމަށެވެ.

އެކަންކަން ބޭނުންވާ ސުޕީޑްގައި ކުރިއަށް ގެންދެވެން އޮތީ "އަޅުގަނޑުމެންނަށް [ފުރިހަމަ] ސަރުކާރެއް ލިބިގެން ކަމުގައި އަޅުގަނޑު އަބަދު ވެސް ދެކެނީ،" ކަމަށް އާޒިމް ވިދާޅުވި އެވެ.

އަލީ އާޒިމް ވިދާޅުވީ، މިހާރު މިއޮތް ސަރުކާރަކީ އެމްޑީޕީގެ ހިއްސާ އޮންނަ ސަރުކާރެއް ކަމަށެވެ.

އިންތިހާބުގައި ކަންތައް ދިޔަ ގޮތުން އެމްޑީޕީގައި އިސްކޮށް ކުރިން ހަރަކާތްތެރިވި ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާތީ، އަލީ އާޒިމް ވިދާޅުވެފައިވަނީ، އެމްޑީޕީއަށް ފާޑު ކިޔާ މީހުން އެކަން ކުރަނީ އެ ޕާޓީއާ މެދު އޮތް އުއްމީދެއްގެ ބޮޑު ކަމުން ކަމަށެވެ.

ގައުމަށް ބޭނުންވާ މުހިއްމު އެތައް ބަދަލެއް، އަދި މުޅިން އަލަށް މުހިއްމު އެތައް ކަމެއް 2008 ގައި ވެރިކަމަށް އައި އެމްޑީޕީގެ ސަރުކާރުން ރާއްޖެއަށް ތައާރަފުކޮށްފައިވާތީ، ރައްޔިތުންގެ އުއްމީދު އެމްޑީޕީއާ މެދު ވަރަށް ބޮޑުކަމަށާއި އެ ފާޑުކިޔުންތަކަކީ އެކަމުގެ ސަބަބުން އަންނަ ފާޑުކިޔުންތަކެއް ކަމަށްވެސް އަލީ އާޒިމް ފާހަގަ ކުރައްވާފައިވެއެވެ.

އަލީ އާޒިމް ވިދާޅުވީ މިހާރުގެ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރަކަށް ނުވާތީ، ރައްޔިތުންގެ އުއްމީދާ ގުޅިފައި ހުރި އެތައް ކަމެއް ނުކުރެވި، ނުވަތަ ބޭނުންވާ އެފަދަ ކަމެއްގެ ދުވެލި މިވަގުތު ލަސްވުމުން ރައްޔިތުން މާޔޫސް ވެފައިވާ ކަމަށެވެ. އެހެން އެކަންތައް މެދުވެރިވީ މިހާރުގެ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރަކަށް ނުވާތީ ކަމަށް ވެސް އަލީ އާޒިމް ވިދާޅުވެފައިވެއެވެ.

އަލީ އާޒިމް ވިދާޅުވެފައި ވަނީ ބޭނުންވާ ސުޕީޑްގައި ކަންކަން ވާން އޮތީ "އަޅުގަނޑުމެންނަށް [ފުރިހަމަ] ސަރުކާރެއް ލިބިގެން،" ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ގުރޫޕުން ކުރާ ހުރިހާ މަސައްކަތެއް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައި ނުވި ނަމަވެސް ރައްޔިތުންނަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެމްޑީޕީގެ ޕީޖީ ގުރޫޕުން ކޮށްފައި ވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށްޓަކައި މަސައްކަތްތަކެއް ކޮށްދެމުން އަންނަ ކަން ރައްޔިތުން ގަބޫލުކުރާ ކަމަށްވެސް ވިދާޅުވިއެވެ.