މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކުރަން ފަށައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާފައިވަނީ މިރޭ 10:00 ގައެވެ. ނަތީޖާ އިއުލާން ކުރުން ކުރިއަށްގެންދަނީ އީސީގެ މައި މަރުކަޒު، ބާ ޖަމާލުއްދީންގައެވެ. އީސީން ކުރިން މަސައްކަތް ކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާށެވެ.

އީސީން ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާފައިވާ އިރު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވަނީ ބައެއް ވޯޓް ފޮށިތައް އަލުން ގުނަން ހުށަހަޅައިފައެވެ. އެއީ މާލޭގެ ފަސް ވޯޓު ފޮއްޓަކާއި އައްޑޫގަައި ބެހެއްޓި ހަތަރު ވޯޓު ފޮއްޓެކެވެ.

މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް އެންމެ ބޮޑު ނާކާމިޔާބީއެއް ލިބިގެން ދިޔައީ މާލެއިންނެވެ. އެގޮތުން މޭޔަރު ގޮނޑިއާ އެކު އިދިކޮޅު ޕީޕީއެމުން ވަނީ މާލޭގެ ގިނަ ގޮނޑިތަކެއް ނަގައިފައެވެ. އަނަސްގެ މައްޗަށް ކުރި ހޯދައި، މާލޭގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

މާލޭގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ގެއްލުނު ނަމަވެސް، ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ރާއްޖޭގެ މެޖޯރިޓީ ހޯދާފައިވަނީ އެމްޑީޕީންނެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު ގޮނޑި ހިމެނެއެވެ.

ބައެއް ދާއިރާތަކުގެ ވޯޓު އަލުން ގުނުމަށް އެމްޑީޕީން އެދުނު ނަމަވެސް އިންތިހާބަށް އަސަރުކުރާނެ ވަރުގެ ޝަކުވާއެއް މިހާތަނަށް ހުށަހަޅާފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފައެވެ.