ކުރިއަށް އޮތް ރޯދަ މަހުގައި ކޮވިޑް ވެކްސިން ޖާހާނީ ރޭގަނޑު 9:00 އިން 11:00 އަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ މިއަދު ބުނީ ރޯދަ މަހު ވެކްސިން ދޭނީ ރޭގަނޑު 9:00 އިން 11:00 އަށް ހަތް ސެންޓަރެއްގައި ކަމަށެވެ. ނަމަވެސް މާދަމާ ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ ސެންޓަރެއްގައި ދޭނެ ކަމަށާއި އެއީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައި ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ އެންމެ ސެންޓަރެއްގައި ކަމަށާއި އެއީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށެވެ. އެ ހޮސްޕިޓަލުގައި ވެކްސިން ދޭނީވެސް ރޭގަނޑު 9:00 އިން 11:00 އަށެވެ.
ރާއްޖޭގައި މިހާރު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައިވާ އިރު، އިއްޔެގެ ނިޔަލަށް 19،008 މީހަކު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖާހަފައިވެއެވެ. އިއްޔެވެސް ވަނީ 3714 މީހަކު ދެވަނަ ޑޯޒް ޖަހައިފައެވެ.
ރާއްޖޭގައި މިހާރު ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހަމުން އަންނަނީ ސިނޯފާމް ވެކްސިނެވެ. އިއްޔެގެ ނިޔަލަށް ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 271،453 އަށް އަރައިފައެވެ. މީގެ އިތުރުން އިއްޔެ ވަނީ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް ފައިޒާ ވެކްސިންވެސް ދޭން ފަށައިފައެވެ. މި ވެކްސިން ދެނީ މާލެ ސަރަހައްދުގައި އުޅޭ 16 އަހަރުން މަތީގެ މީހުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު