މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، ދ. ބަނޑިދޫ އާއި ހުޅުދެލީ ކައުންސިލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އެއްކޮށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ލިބިއްޖެ އެވެ.
ހުޅުދެލީ އަދި ބަނޑިދޫ ކައުންސިލްގެ އިތުރުން ދ. މީދޫ ދާއިރާގައި ހިމެނޭ މައިރަށް ކަމަށްވާ މީދޫ ކައުންސިލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެޖޯރިޓީވެސް ހޯދާފައި ވަނީ އެމްޑީއޭ އިންނެވެ. އެ ގޮތުން މީދޫ ރަށު ކައުންސިލްގެ ރައީސް ހިމެނޭ ގޮތުން ތިން ގޮނޑި އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހަތަރު ގޮނޑި އެމްޑީއޭއިން ވަނީ ކާމިޔާބު ކޮށްފަ އެވެ.
އެހެން ކަމުން މި އިންތިހާބުގައި މީދޫ ދާއިރާއިން 27 ގޮނޑި އެމްޑީއޭއިން މި ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ ޕާޓީން މި ދާއިރާއަށް ވާދަކޮށްފައި ވަނީ 28 ކެންޑިޑޭޓުންނެވެ.
ދ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ ގޮނޑިއަށް އަށް އިންތިހާބު ވެފައި ވަނީ އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓެވެ.
ދ. އަތޮޅަކީ އެމްޑީއޭގެ ލީޑަރު، އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ތާއީދު ބޮޑު އަތޮޅެކެވެ. ދ. އަތޮޅުގެ މެންބަރު ކަން ކުރެއްވުމަށްފަހު، ދާއިރާތައް ބެހި ފަހުން ފާއިތުވި ތިން ދައުރުގައި ވެސް ސިޔާމް ވަނީ ބޮޑު ކާމިޔާބަކާ އެކު މީދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.
ނިމިގެން ދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީއޭއިން ވަނީ ވެރިކަން ކުރި ޕާޓީ، ޕީޕީއެމް އާ އެކު ކޯލިޝަން ހަދައިފަ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ކޯލިޝަންގައި ދެމި އޮތް ހަމަ އެކަނި ޕާޓީއަކީ ވެސް އެމްޑީއޭ އެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން އެއްވެސް ބަޔަކާ އެކު ކޯލިޝަން ހަދައިފައެއް ނުވެ އެވެ. އަދި ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ވެސް އެ ޕާޓީން އެއްވެސް ބަޔަކާ އެކު ކޯލިޝަން ހަދާފައި ނުވާނެ ކަމަށް ބުނެ އެމްޑީއޭ އިން ވަނީ ބަޔާނެއް ނެރެފަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު