ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވެގެން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މައްސަލަ ޖެހިވަޑައިގެން އުޅުއްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ވަންކަން ކޮށްފައިވާ ކަމަށާއި އެކަމުގައި ސަރުކާރުންވެސް ބައިވެރިވާ ކަމަށް ނަޝީދު ވަނީ ތުހުމަތުކުރައްވައިފައެވެ. އަދި މިފަދަ ސަރުކާރަކާއެކު އެމްޑީޕީ އޮންނަން ނޭދޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއީ ފާޅުގައި ސިދާ ރައީސްއާ މައްސަލަ ޖެހުނު ކަމަށް އެމަނިކުފާނު ވިދާޅުވި ފުރަތަމަ ފަހަރެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ އިސްވެރިންގެ މެދުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެއީ ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ ކަންކަމުގެ ސަބަބުން ކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަން އޮންނާކަށް އެމްޑީޕީ ގިނަ މެމްބަރުން ނޭދޭނެ ކަމަށާއި އަދި ފާޅުގައި ސަރުކާރުގެ ތެރޭގައި އެކަހަލަ ކަންކަން ހިިނގާކަށްވެސް މެމްބަރުން ނޭދޭނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ކަންކަން ހިނގާ ނަމަ އެއްބަޔަކު ހިތްހަމަ ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެ މީހުން (ރައީސް ސޯލިހާއި ނަޝީދު) ގެ ދޭތެރޭގައި މައްސަލަ ހުރެގެން، މައްސަލަ މި ހުންނަނީ މިސާލަކަށް ވެންޓިލޭޓަރު މައްސަލައިގައި. އަޅުގަނޑުމެން ދެ މީހުން ދޭތެރޭގައި މައްސަލައެއް ނުހުންނާނެ ވެންޓިލޭޓަރު މައްސަލަ ނެތް ނަމަ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ބޭނުންވަނީ ނަޒާހަތްތެރި ޕާޓީއަކަށް ވާން ކަމަށާއި އެ މެންބަރުން އެދޭ ގޮތަށް އެކަން ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި މާލެ ސަރަހައްދުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ނަޝީދު ވިދާޅުވީ އެކަމުގައި ޕާޓީން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ ކުށެއް މިކަމުގައިވާ ކަމަށާއި އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ 75 ވެންޓިލޭޓަރު ގަންނަން ހަވާލުކޮށްފައިވަނީ 34 މިލިއަން ރުފިޔާއަށެވެ. އަދި މާލިއްޔަތު ގާނޫނާ ހިލާފަށް 30 މިލިއަން ރުފިޔާ ވަނީ އެއް ފަހަރާ ދީފައެވެ. މި ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއި ވެސް ނުކޮށެވެ. ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ތަހުގީގުކުރުމަށްފަހު، ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް 11 ބޭފުޅުންނަށް ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް، ގަރީނާއެއް ނެތް ކަމަށް ވިދާޅުވެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ އެ ރިޕޯޓު އަނބުރާ ފޮނުވާލައިފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއުކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެދުނު ނަމަވެސް, އެ އޮފީހުން ވަނީ އެ މައްސަލައިގައި ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭން ޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނަ ކަމަށް ބުނެ, މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކުރަން ނިންމައިފައެވެ.

ނަމަވެސް ޕީޖީން އަލުން އެމައްސަލަ ތަހުގީގު ކުރަން ނިންމައި، އާ ހުށަހެޅުންތަކަކާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަނީ އަންގައިފައެވެ. އޭސީސީން އެ މައްސަލަ އަލުން ތަހުގީގު ކުރަން ވަނީ ފަށައިފައެވެ.