މާލޭގެ ހަތަރު ދާއިރާއެއްގެ ވޯޓު އަލުން ގުނައިދިނުމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީން އެދިއްޖެއެވެ.
އެމްޑީޕީން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހަތަރު ދާއިރާއެއްގެ ވޯޓު އަލުން ގުނުމަށް އެދިފައިވަނީ ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.
"މާލޭގެ ހަތަރު ގޮނޑިއެއް އަލުން ގުނުމަށް އެބަ އެދެން އެއީ ޓީ-3 އާއި ޓީ-4 އާއި ޓީ-10 އާއި ޓީ-15،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ ހަތަރު ދާއިރާ އަކީ މެދު ހެންވޭރާއި ހެންވޭރު ދެކުނުގެ އިތުރުން މައްޗަންގޮޅި އުތުރު އަދި މާފަންނު ހުޅަނގު ދާއިރާއެވެ.
އެ ހަތަރު ގޮނޑިއަށް ހޮވުނު ކަމަށް ވަގުތީ ނަތީޖާއިން ދައްކާ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓާއި އެމްޑީޕީގެ ކެނޑިޑޭޓާއި ހުރީ 10 އާއި 15 ވޯޓުގެ ތަފާތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މާލޭގެ ގޮނޑިތަކުގެ ތެރެއިން ފަސް ގޮނޑިއެއް އެމްޑީޕީން ކަށަވަރުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ބާކީ ހުރި ގޮނޑިތައް އެ ޕާޓީއަށް ގެއްލިފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ.
"ހާއްސަ ގޮތެއްގައި މާލޭ މޭޔަރުކަމުގެ ގޮނޑި އަޅުގަނޑުމެންނަށް މިވަނީ ގެއްލިފައި. އަޅުގަނޑު މާލޭ މާޔަރުކަމަށް އިންތިހާބުވި ޑރ. މުއިއްޒަށް މަރުހަބާ ދަންނަވަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މާލޭގެ ހަތަރު ދާއިރާއެއްގެ ވޯޓު އަލުން ގުނުމަށް އެމްޑީޕީން އެދުމުން މާލެ ސިޓީ ކައުންސިލުގެ އަގުލަބިއްޔަތު ލިބުނީ ކޮންބަޔަކަށް ކަން ނިންމަން އަދި އަވަސް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެކަމަށް އަދި ދެތިން ދުވަސް ނަގާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގެ ހަތަރު ދާއިރާއެއްގެ ވޯޓު އަލުން ގުނުމަށް އެމްޑީޕީން އެދުނު ނަމަވެސް އިންތިހާބަށް އަސަރުކުރާނެ ވަރުގެ ޝަކުވާއެއް މިހާތަނަށް ހުށަހަޅާފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު