ލޯކަލް ކައުންސިލް އިންތިހާބުގައި މާލެއިން ވޯޓުލެވޭ މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ އެންމެ 22 ޕަސެންޓު މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 273،182 މީހަކަށެވެ. އޭގެ ތެރެއިން މާލެއިން ވޯޓުލެވޭ މީހުންގެ އަދަދަކީ 51،702 އެވެ. އެއީ ވޯޓުލެވޭ މީހުންގެ ޖުމުލަ އަދަދުގެ 19 ޕަސެންޓެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފު މިއަދު "ވަން" އަށް ވިދާޅުވީ، އިއްޔެގެ އިންތިހާބުގައި މާލެއަށް ވޯޓުލެވޭ މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ އެންމެ 11،940 މީހުން ކަމަށެވެ. އެއީ ގާތްގަނޑަކަށް 22 ޕަސެންޓެވެ. އަދި މާލެއަށް ވޯޓު ލީ މީހުންގެ ތެރެއިން 540 ވޯޓަކީ ބާތިލު ވޯޓު ކަމަށް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އިންތިހާބު ނަމަވެސް، މިއީ މާލެއިން މިހާ މަދު އަދަދެއްގެ މީހުން ނުކުމެ ވޯޓު ލީ ފުރަތަމަ ފަހަރެވެ. އޭގެ ނަތީޖާއަކަށް ވީ އެމްޑީޕީގެ މައި މަރުކަޒެއްގެ ގޮތުގައި ފާހަގަކުރެވޭ މާލެ ސިޓީން އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވުމެވެ.

އެގޮތުން ޕީޕީއެމުން ވަނީ މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ ގޮނޑިއާ އެކު 11 ގޮނޑި ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް ކާމިޔާބުވީ ހަތް ގޮނޑިއެވެ. މިއީ ފާއިތުވި 11 އަހަރުތެރޭ އެމްޑީޕީ އަށް މާލެ އިން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ.