ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީން އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ޕާޓީ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން ވަނީ މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ ގޮނޑިއާއެކު 11 ގޮނޑި ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް ކާމިޔާބުވީ ހަތް ގޮނޑިއެވެ.

ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާއަކީ މަލްޓި ޕާޓީ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މާލެއިން އެމްޑީޕީއަށް ލިބުނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ގިނަ ސަބަބުތަކެއް އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑާ ދެކޮޅަށް އެޅި ފިޔަވަޅުތަކާއި ރައްޔިތުންގެ އުންމީދުތައް މަތިވުމާއި އަދި ޕާޓީގެ ތެރޭގައި އޮތް ބައިބައިވުމަކީ ނާކާމިޔާބީ ލިބުނު ސަބަބެއް ކަމަށް ވިދާޅުވިއެވެ.