ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައާ ގުޅިގެން ފުލުހުން އެ މަނިކުފާނާ މާދަމާ ސުވާލު ކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފުލުހުން ހިންގުމަށް ހަމަޖެހިފައިވާ، ރައީސް ޔާމީންގެ ތަހުގީގެއް މާދަމާ 13:00 ގައި ކ. މާފުށީ ޖަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު އީމެއިލް މެދުވެރިކޮށް އަންގާފައިވާ ކަމަށެވެ. އަދި މާދަމާ ސުވާލު ކުރަން ހަމަޖައްސާފައިވާއިރު އަދިވެސް ވަކީލުންނާ ރައީސް ޔާމީނާ ބައްދަލުކުރެވޭނެ އިންތިޒާމްތައް ދައުލަތުން ހަމަޖައްސާފައި ނުވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
"އެހެންނަމަވެސް، ކޮވިޑްގެ ނުރައްކާތެރިކަން އަދިވެސް ކުޑަވެފައި ނުވާއިރު، އެމަނިކުފާނު މިހާރު ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރިއިރު، އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި ދަނޑިވަޅުގައި ދަތުރުފަތުރުކުރުމަށް ވެސް ބޮޑެތި ހުރަސްތަކެއް އޮތްއިރު، ގާނޫނުއަސާސީން ލިއްބައިދޭ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަން ގާނޫނުއަސާސީގެ 18 ވަނަ މާއްދާއިން އެނގެން އޮތްހިނދު، އެމަނިކުފާނަށް ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ ދަށުން ލިބިވަޑައިގަންނަވާ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގު ކަށަވަރު ކުރެވޭނޭ އިންތިޒާމްތައް ދައުލަތުގެ ފަރާތުން ހަމަޖެއްސުމަކާ ނުލައި ތަހުގީގު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަކީ އެކަމާ މެދު، އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެއް،" ވަކީލުންގެ ބަޔާނުގައިވެއެވެ.
ބަޔާނުގައި ވަނީ ރައީސް ޔާމީނަކީ ތުހުމަތުކުރެވޭ މައްސަލައިގައި ބަންދުކުރެވިފައިވާ ފަރާތެއް ނޫން ކަމަށާއި ތަހުގީީގު އަވަސް ކުރަން ޖެހޭ ފަދަ ލޮރޫރަތެއް ވެސް ނެތް ކަމަށެވެ. އަދި ކުއްލިއަކަށް އަވަސް އަރުވާލައިގެން މި ދަނޑިވަޅުގައި ތަހުގީގު ހިންގުމުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް އޮތްކަމަށް ނުދެކޭ ކަމަށާއި މިއީ ސަރުކާރުން ފުލުހުންގެ މައްޗަށް ސީދާ ގޮތުން ނުފޫޒު ފޯރުވައިގެން އެ ނުފޫޒުގައި ފުލުހުން ހިންގަން އުޅޭ ތަހުގީގެއް ކަމަށްވެސް ގާނޫނީ ވަކީލުންގެ ޓީމުން ބުންޏެވެ.
ރައީސް ޔާމީނާއި ގުޅޭގޮތުން ފުލުހުން ބަލަމުން އަންނަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ބަލަމުން އަންނަ އިތުރު ރަށެއްގެ މުއާމަލާތަކާ ގުޅޭ މައްސަލައެކެވެ. އެ މައްސަލައިގެ ތަހުގީގަށް މީގެ ކުރިން ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައި ވެއެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ.
މަނީލޯންޑާކޮށްގެން ރައީސް ޔާމީން ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ވެސް ވަނީ ދަމަހައްޓައިފައެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތްތައް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.
އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާ އިރު، ރައީސް ޔާމީން ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު