ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ފޯރިއާއެކު ކުރިއަށް އެބަދެއެވެ. ބޮޑު ގައިޑްލައިނަކާއެކު ވޯޓުލުމުގެ ކަންކަން އިންތިޒާމު ކުރުމަށް ފުރުސަތު ދިނީ އެހެން ގޮތެއް ނެތިގެންނެވެ. އެއީ ކޮވިޑް ފެތުރޭތީ މިދިޔަ އަހަރު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބު، ގާނޫނަށް އިސްލާހު ގެނެސް މިއަހަރަށް ފަސްކުރުމުންނެވެ. ކޮވިޑާއި ގުޅިގެން ރާއްޖޭގައި އަދިވެސް އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ނަމަވެސް ގާނޫނަށް ބަދަލުތައް ގެނެސް، ރައްޔިތުންގެ މަޖިލީހުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތް ހަދައިފައެވެ.
އިންތިހާބުގެ ވޯޓާއި ދިމާކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތައް ދީފައެވެ. އެގޮތުން ޕޮޒިޓިވް މީހުންނަށްވެސް ވޯޓުލެވޭ ގޮތް ހެދުމާއި ވޯޓުލުމަށް ކަރަންޓީނަކާއި ނުލައި 48 ގަޑިއިރުގެ މުއްދަތައް އަތޮޅުތެރެޔަށް ދިއުން ފަދަ ލުއިތައް ހިމެނެއެވެ. ކޮވިޑްގެ ނަންބަރުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އިންތިހާބު ބާއްވާފައި ވާއިރު، އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ، އިންތިހާބީ މަރުކަޒުތަކުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށެވެ. ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި، މޮނީޓަރުންނާއި އޮބްޒާވަރުންނާއި ވޯޓުލާން ދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިލެކްޝަން ކޮމިޝަނުން ބޮޑު ހޭދައެއްވެސް ކުރިއެވެ. ސެނެޓައިޒާ ފަދަ ތަކެތި ހުސް ނުވާ ވަރަށް ވޯޓުލާ މަރުކަޒުތަކުގައި އެބަހުއްޓެވެ. ވޯޓުލާ މަރުކަޒުތަކުގައި އެޗްޕީއޭގެ ގައިޑްލައިންތައް ތަންފީޒުކުރުމަށް ކޮންމެވެސް ވަރަކަށް ފުލުހުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ބޮޑު އިންތިހާބެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދާއިރު، ހާއްސަކޮށް އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅެމުން އަންނަ މާލޭގައި ވޯޓުލުމަށްޓަކައި އެތައް ހާސް ބަޔަކު "ހޭލަމޭލައަށް" އުޅެމުންދާއިރު ކަންބޮޑުވާ އެތައް ކަމެއް އެބަހުއްޓެވެ. ވޯޓުލާ ބައެއް މަރުކަޒުތަކުގެ އެތެރޭގައި އެޗްޕީއޭގެ ގައިޑްލައިންތައް އެންމެ ފުރިހަމަޔަށް ތަންފީޒު ކުރެވޭ ތަނެއް ނުފެނެ އެވެ. މީހުންތައް އޮތީ ފުނި ޖެހިފަ އެވެ. ގައިދުރުކަމެއް އަމުދުން ވެސް ނެތެވެ.
މީހާ ހުންނަ ގޮތަކުން ނުވަތަ މީހާގެ މޫނަށް ބަލާފައި އެމީހަކީ ކޮވިޑް ޖެހިފައިވާ މީހެއް ކަމެއް ނޭނގޭނެއެވެ. އެހެންކަމުން ބުއްދިވެރި ގޮތަކީ ފަރުދީ ޒިންމާ ނަގައި އަމިއްލަ ރައްކާތެރިކަން ހޯދުމެވެ. އެންމެންވެސް ގަބޫލުކުރަން ޖެހޭ ހިތި ހަގީގަތަކީ މިފަހަރުގެ އިންތިހާބަކީ އާންމު ހާލަތުގައި ބޭއްވަމުން އަންނަ އިންތިހާބެއް ނޫން ކަމެވެ. ގިނަ ބަޔަކު އެއްވެ އުޅުމުގެ ހިތި ނަތީޖާ މީގެ ކުރިން ދިވެހިން ވަނީ އެތައް ފަހަރަކު ތަޖުރިބާ ކޮށްފައެވެ. ކައިވެނި ކްލަސްޓާއަކުން 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވިކަން ދިވެހިންގެ ހަނދާނުން އަދި ކައްސައެއް ނުލާނެއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ އެތައް ރަށެއްގައިވެސް ވަނީ ކޮވިޑް ފެތުރިފައެވެ. ސަތޭކައިން މީހުން ޕޮޒިޓިވް ވާ ކްލަސްޓާތައް އަތޮޅުތެރޭގައިވެސް ބައިވަރެވެ. ކޮވިޑްގެ ބިރުވެރި ރަނގަބީލުގެ އަޑު ގަދަވި ނަމަވެސް އިންތިހާބާ ދިމާކޮށް ދިން ލުއިތަކުގެ ސަބަބުން ކޮވިޑް ފެތުރުމުގެ ފުރުސަތު އިތުރަށް ވަނީ ބޮޑު ވެފައެވެ. ހާއްސަކޮށް ގައިޑްލައިނާ ހިލާފަށް އުޅުމުން އެ ފުރުސަތު އިތުރަށް ބޮޑުވެގެން ދެއެވެ.
ކޮންމެ މީހެއްގެ ފަހަތުގައި ފުލުހަކު ނުބެހެއްޓި ނަމަވެސް ފަރުދީ ޒިންމާ ނަގަން އެބަޖެހެއެވެ. ވޯޓުލުމަށް ފަހު ވީހާވެސް އަވަހަށް ވޯޓުލާ މަރުކަޒު ދޫކޮށް ދާން ޖެހެއެވެ. ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ހޫނު ޒުވާބާއި އޮލަ ވާހަކައިގައި ތިބެއްޖެ ނަމަ އާހިރު ނަތީޖާ ހިތިވެދާނެއެވެ. ވޯޓުގެ ކަންކަން ނިންމާލައި މާދަމާ އެންމެން ހިންދެމިލާއިރު އޮންނާނީ "ކައުންސިލް ކަލްސްޓާ"އެއް އުފަން ވެ، އަތުފަތު ނުޖެހޭ ހިސާބަށް ކަންކަން ގޮސްފައެވެ. "ރައްކާވެ ތިބިއްޔާ ދަތުރެވެ."
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް