ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ތަފާތު ބޮޑު އިންތިހާބުގެ ވޯޓްލުން މިއަދު މިވަނީ ފެށިފައެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް މުޅި ގައުމު އައީ ތައްޔާރު ވަމުންނެވެ. ނަމަވެސް ކުރިންވެސް އަންދާޒާ ކުރި ގޮތަށް މިފަހަރު ވޯޓު ލާން ނުކުތް އަދަދު އަދި އުޅެނީ ވަރަށް ދަށުގައެވެ. ފެނިގެންދަނީ ތަރުހީބު ވަރަށްވެސް ކުޑަކޮށެވެ. ބައެއް ތަންތަނުގައި ވޯޓު ލާނެ މީހުން ނެތުމުގެ ސަބަބުން ވޯޓު ލުން ފެށިގެން ގޮސްފައިވަނީ ލަހުންނެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިިބިގެން ވަނީ 273،128 މީހުންނަށެވެ. އޭގެ ތެރެއިން މިއަދުގެ 3:40 ގެ ނިޔަލަށް ވޯޓު ލާފައިވަނީ 138،444 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 71،305 ފިރިހެނުންނާއި 67،139 އަންހެނުންނެވެ. މިއީ ވޯޓު ލެވޭ ނިސްބަތުގެ 50 ޕަސެންޓެވެ. އަދިވެސް ވޯޓް ނުލާ 50 ޕަސެންޓް މީހުން އުޅޭ ކަމަށް އިލެކްޝަން ކޮމިޝަނުން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ފެނިގެންދެއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ބޮޑުތަނުން މަދުވެ، މި އިންތިހާބުގައި ވޯޓުލާނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 38 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ އަދަދެއް ކަމަށެވެ. ނަމަވެސް ޝަރީފް ވަނީ މެންދުރު ފަހު ވޯޓުލާން ނުކުންނަ މީހުން އިތުރުވާނެ ކަމަށް އޭނާ ވަނީ ލަފާކުރައްވައިފައެވެ. ނަމަވެސް ޝަރީފް އަންދާޒާކުރެއްވި ވަރަށް ވުރެ އިތުރަށް މިހާރު ވަނީ ވޯޓު ލާފައެވެ.

"މި ނިސްބަތަކީ ވޭތުވެދިޔަ އިންތިހާބުތަކާ އަޅައިބަލާއިރު ކުޑަ ނިސްބަތެއް. ވާހަކައަކީ މިދިޔަ އިންތިހާބުތަކަށް ބަލާއިރު މި ގަޑިއާ ހަމައަށް އައި އިރުގައި މި އަށް ވުރެ ވޯޓުލުމުގެ ނިސްބަތް ބޮޑު. މި ނިސްބަތަށް ބަލާއިރުގައި، އަޅުގަނޑުމެންނަށް ތަފާސް ހިސާބަށް ބަލާއިރު އަންދާޒާ ކުރެވޭ ނިސްބަތަކީ 38 ޕަސެންޓާއި 40 ޕަސެންޓާ ދޭތެރޭގައި ވޯޓުގައޭ ޓާންއައުޓް ހުންނާނީ،" ޝަރީފު ވިދާޅުވެފައި ވެއެވެ.

ބައެއް ސެންޓަރުތަކުގައި މެންދުރުފަހު މީހުން ގިނަވި ނަމަވެސް ގިނަ ސެންޓަރުތައް އޮތީ ހުހަށެވެ. އެގޮތުން ހެނދުނު 11:00އާ ހަމައަށް 44،026 މީހުން ވޯޓު ލާފައިވާއިރު، މެންދުރު ފަހުގެ 1:50އަށް ވަނީ 100،829 އަށްވުރެ ގިނަ މީހުން ވޯޓު ލައިފައެވެ. މިއަދުގެ 3:40 ގެ ނިޔަލަށް ވޯޓްލާފައިވަނީ 138،444 މީހުން ވަނީ ވޯޓު ލައިފައެވެ. އެހެންކަމުން މެންދުރުފަހުން ވަނީ ގާތްގަނޑަކަށް 94،000 މީހުން ވޯޓު ލާފައެވެ.

އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވި 2011 ވަނަ އަހަރު 74 އިންސައްތަ މީހުން ވޯޓު ދިން ނަމަވެސް އޭގެ ފަހުން އައި ދެ އިންތިހާބުގައި ވެސް ވޯޓު ދީފައި ވަނީ 65 އިންސައްތަ މީހުންނެވެ. އެހެން ކަމުން އެ އަދަދަށް މީހުން ވޯޓު ލާން ދާނެ ކަމަށް އެއް ބަޔަކު ގަބޫލު ކުރާއިރު، މިފަހަރުގެ އިންތިހާބު ވެގެންދާނީ އެންމެ މަދުން މީހުން ވޯޓު ލާން ނުކުންނަ އިންތިހާބު ކަމަށް ގަބޫލު ކުރާ މީހުންވެސް މަދެއް ނޫނެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ވޯޓު ލާން ނުކުތް އަދަދަށް ވުރެ ބޮޑު އަދަދެއް މިއަހަރު ވޯޓު ލާން ނުކުންނާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަދު 70 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓު ލާނެ ކަމަށާއި މިހާތަށް ކޮންމެ ފޮއްޓަކަށް 400 އަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާ ކަމަށް އެމަނިކުފާނު ވަނީ ލަފާކުރައްވައިފައެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ތަފާތު، އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ އިންތިހާބުގައި ވޯޓުލާ ނިސްބަތް މަދުވުމަކީ ކަންބޮޑުވުމެކެވެ. ރާއްޖޭގެ ތަސައްވުރު ބަދަލު ކޮށްލުމުގެ އެންމެ ބޮޑު ނިޒާމު ކަމަށްވާ ލާމަރުކަޒީ ނިޒާމުގެ ކަންކަން ހިންގުމުގައި ބައިވެރި ވެވެނީ ވޯޓުގެ ޒަރިއްޔާއިންނެވެ. އެހެންކަމުން ވޯޓް ލާން ދިއުމަކީ ގައުމީ ވާޖިބެކެވެ. ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ކައުންސިލްތަކަށް ދެވޭ އެންމެ ބޮޑު ބާރު ދިނުމުގައި ތިމާގެ އަތެއް އޮތުމަކީ އެހާމެ މުހިންމު ކަމެކެވެ. ވޯޓު ލުމަކީ ކޮންމެ މީހެއްގެވެސް ހައްގެކެވެ. ނަމަވެސް ވޯޓު ނުލުމަކީވެސް ހައްލެއް ނޫނެވެ.