ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާން ނުދިއުމަކީ ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވޯޓު ލެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ވޯޓު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކަންކަން ހިންގުމުގައި ބައިވެރިވެވެނީ ވޯޓުގެ ޒަރިއްޔާއިން ކަމަށެވެ. ވޯޓު ނުދިނުން އެއީ ހައްލެއް ނޫން ކަމަށާއި އޭގެން ނުކުންނާނެ އެއްވެސް ހައްލެއް ނެތް ކަމަށެވެ. ކޮންމެވެސް އެއް ފަރާތަކަށް ވޯޓު ދިނުން އެއީ ވަރަށް ބޭނުންތެރިކަމެއް ކަމަށާއި ގައުމެއް ބިނާ ކުރުމުގައި ހިއްސާ ވެވޭނީ ވޯޓުގައި ބައިވެރިވެގެން ކަމަށްވެސް ވިދާޅުވިއެވެ.

"ވޯޓު ނުދިނުމަކީ ހައްލެއް ނޫން. ގައުމު ބިނާކުރުމުގައި ހިއްސާއަކަށް ވެވޭނީ ވޯޓު ދީގެން. ގާނޫނުގައި ބުނެފައިވާ ގޮތުގައި އެއީ ރައްޔިތުންގެ މަސްއޫލިއްޔަތެއް،" ނަަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޒާމުތައް ހަމަޖައްސަވާފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި މުޅި ރާއްޖޭގައި ވޯޓުލުމުގެ ކަންކަން ވަރަށް ސުލްހަވެރިކަމާއެކުގައި ކުރިއަށްދާ ކަމަށެވެ. އަދި މާލޭގައިވެސް ވަރަށް ރަނގަޅަށް ވޯޓުގެ ކަންކަން ހިނގަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް ދައްކާގޮތުން އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމަށާއި އުންމީދުކުރި ގޮތަށް ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ގިނަ ކައުންސިލްތައް އެއްވެސް ދައްޗެއް ނެތި ލިބޭނެ ކަމަށެވެ.

"މިއަދު މެންދުރާ ހަމައަށް އައި އިރުގައި އަޅުގަނޑުމެން އެމްޑީޕީއަށް ވަރަށް ބޮޑަށް ސާފު މި ޕާޓީގެ ފުރިހަމަ އަގުލަބިއްޔަތެއް ހުރިހާ ދާއިރާތަކެއްގައިވެސް ހުރިހާ ރަށު ކައުންސިލްތަކެއްގައިވެސް ލިބެމުން އެބަދޭ. ހާއްސަކޮށް ހަތަރު ސިޓީގެ މޭޔަރުކަންވެސް މާލޭގެ މޭޔަރުކަންވެސް އަދި އައްޑޫގެ މޭޔަރުކަންވެސް، އެއްވެސް ދައްޗެއް ނެތް އަޅުގަނޑުމެންގެ އެގްޒިޓް ޕޯލްތައް ވަރަށް ސާފުކޮށް އެބަފެނޭ،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ ހަތަރު ސިޓީގެ މޭޔަރުގެ ގޮނޑިއާއެކު ޖުމުލަ 1000 ގޮނޑި ކާމިޔާބުކުރެވޭނެ ކަމަށާއި އެކަން މިއަދުގެ 11 ޖެހިއިރު ވަރަށް ރަނގަޅަށް ސާފުވެގެން ގޮސްފައިވާ ކަމަށެވެ.

އާންމުކޮށް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލާން ނުކުންނަ އަދަދު މަދު ކަމަށާއި ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ 70 ޕަސެންޓް ނުކުންނަ ކަމަށެވެ. އެހެން ނަމަވެސް ލަފާ ކުރެވެނީ މިފަހަރު އެ އަދަދު ރަނގަޅުވާނެ ކަމަށެވެ. އަދި އަންދާޒާ ކުރާ ގޮތުގައި މިހާރު ހުރިހާ ފޮއްޓަކަށްވެސް 400 އެއްހާ މީހުން ވޯޓުލާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.