ކ. އަތޮޅު ދިއްފުށީގައި ވޯޓުލާން ތިބި 710 މީހުންގެ ތެރެއިން 510 މީހުން ތިބީ ކޮވިޑް 19 އާ ގުޅިގެން ކަރަންޓީނުގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ކަންތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށާއި، ވޯޓުމުގެ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރުމަށް، ބޭއްވި އިލެކްޝަންސް ކޮމިޝަންގެ ނެޝަނަލް އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ދިއްފުށިން ގިނަ ބަޔަކު ޕޮޒިޓިންވުމާއި ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީންގައި އެބަތިބި ކަމަށެވެ.

އެހެންކަމުން އެ ރަށުގައި ކަރަންޓީނު ނުވެ ތިބި މީހުން ވޯޓުލާ ނިމޭ ގަޑިއެއްގެ ގޮތުގައި މެންދުރު 2:00 އަށް އެޑްވައިޒަރީ ކޮމިޓީގެ ލަފައާއެކު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެއަށްފަހު ކޮވިޑަށް ޕޮޒިޓިވް ވެގެންނާއި، ކޮންޓެކްޓް ވެގެން ކަރަންޓީނުގައި ތިބި 510 މީހުންނަށް ދިއްފުށީގައި ވޯޓު ލުމުގެ ފުރުސަތު، 2:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެގޮތަށް ހަމަޖައްސަން ޖެހުނީ ކަރަންޓީނުގައި ގިނަ ބަޔަކު ތިބުމުން، އެމީހުންނާއި އެހެންމީހުންނާ ބައްދަލު ނުވާނެ ގޮތަކަށް ވޯޓުލުމުގެ ފުރުސަތު އެމީހުންނަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ކޮވިޑް 19 އާ ގުޅިގެން ކަރަންޓީނުގައި ތިބި މީހުން ފިޔަވައި އެހެންމީހުންނަށް ވޯޓުލާން ހުޅުވާލާފައި ވަނީ، ހެނދުނު 7:00 އިން ފެށީގެން 5:00 އަށެވެ. ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓުލާން ކަނޑައަޅާފައިވާ ގަޑިއަކީ ހަވީރު 5:00 އިން ފެށިގެން 6:00 އަށެވެ.