ތައްޔާރުވުމަށް ގިނަ ދުވަސްތަކެއް ލިބުނު ނަމަވެސް މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ. ބަލިމަޑުކަމެއްގެ ތެރޭގައި، މާދަމާ އިންތިހާބު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީ ވެ ނިމިފައިވާއިރު އިލެކްޝަން ކޮމިޝަނުން ބުނަނީ ދިމާވެދާނެ ހުރިހާ ހާލަތްތަކަށް ވެސް ފޫގަޅައިގެން ތައްޔާރަށް އޮތް ކަމަށެވެ.
އެންމެ ފުރަތަމަ މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ އޭޕްރީލް ހަތަރެއްގަ އެވެ. ނަމަވެސް ކޮވިޑް-19 ބަލި މަޑުކަމުގެ ސަބަބުން، އެ އިންތިހާބު މި ބާއްވަނީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ.
މި އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންދާއިރު އިންތިހާބުގައި ވާދަކުރަނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ.
މި އިންތިހާބުގައި 700 އަށް ވުރެން ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު 7000 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ވޯޓު ފޮއްޓާއި އޮފިޝަލުން އިތުރު ކުރަން ޖެހުނީ އެޗްޕީއޭގެ ގައިޑްލައިނަށް ތަބާވުމުގެ ގޮތުންނެވެ. އެއީ އެއް ފޮއްޓަށް ވޯޓުލެވޭނީ 500 މީހުނަށް ކަމަށް ވާތީއެވެ.
"އޮފިޝަލުން ހޯދުން އެއީ މިފަހަރު އަޅުގަނޑުމެނަށް ދިމާވި އެންމެ ބޮޑު ޗެލެންޖު،" ޝަރީފް ވިދާޅުވި އެވެ.
ރަށްތަކުން އެ ރަށްރަށުން އޮފިޝަލުން ހަމަޖައްސާފައިވީ ނަމަވެސް ބައެއް ރަށްތަކުގައި ކޮވިޑް ފެތުރި އޮފިޝަލުން ކަރަންޓީނު ވާން ޖެހިއްޖެ ހާލަތަކަށް ވެސް އިލެކްޝަން ކޮމިޝަން އޮތީ ތައްޔާރަށެވެ.
"ފަހަރެއްގަ ހަމަ އެކަށީގެން ވޭ ހޮނިހިރު ދުވަހާ ހަމައަށް އަންނައިރު އަޅުގަނޑުމެންގެ އިލެކްޝަން ކޮމިޝަންގެ ޓާސްކް ފޯސްގެ މެންބަރުންގެ ތެރެއިން ބައެއް އޮފިޝަލުންގެ ގޮތުގައި ރަށްތަކަށް ފޮނުވަން ޖެހިދާނެ. އެކަމަށް ވެސް ޕްލޭން ކޮށްގެން ދަތުރުކުރަން ތައްޔާރަށް މިތިބީ،" ޝަރީފް ވިދާޅުވި އެވެ.
މި ފަހަރު އިންތިހާބުގައި އެންމެ ބޮޑު ހޭދައެއް ވެސް ކުރަން ޖެހުނީ އޮފިޝަލުންނަށެވެ. އެކަމަށް ގާތްގަޑަކަށް 30 ވަރަކަށް މިލިއަން ރުފިޔާ ހަރުދުވާނެ ކަމަށް އީސީން އަންދާޒާ ކުރެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އަޅައިބަލާއިރު ކައުންސިލްތަކުގެ އިންތިހާބަކީ އެންމެ މަދުން މީހުން ވޯޓުލުމަށް ނިކުންނަ އިންތިހާބެވެ. މި އިންތިހާބުގައި ވޯޓުލީ މީހުންގެ އިންސައްތަ ހުރީ 60 އާއި 70 އިންސައްތައާ ދެމެދުގަ އެވެ. ވެރިރަށް މާލޭގެ ބައެއް ދާއިރާތަކަށް 20 އާއި 25 އިންސައްތަ މީހުން ވެސް ވޯޓުލާފައި އެބަހުއްޓެވެ. އެއީ އާންމު ހާލަތުގަ އެވެ.
"މިފަހަރު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިން ފަހަރަށް ވުރެ ޕަސެންޓޭޖު ދަށްވެގެން ދާނެ. އަޅުގަނޑަށް ލަފާކުރެވެނީ މިފަހަރުގެ މުޅި ރާއްޖޭގެ ވޯޓާސް ޓާންއައުޓު 50 ޕަސެންޓޭ އުޅޭނީ. އަދި މާލޭގައި އެއަށްވުރެން ދަށް ވެގެން ދިއުން އެކަށީގެން ވޭ،" ޝަރީފް ވިދާޅުވި އެވެ.
ބަލިމަޑުކަމުގެ ސަބަބުން ވޯޓުލާން ނިކުންނަ މީހުން މަދުވެދާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އެހެން ކަމުން އިލެކްޝަން ކޮމިޝަނުން އެންމެ ފުރަތަމަ ވެސް ބުނެފައިވަނީ، މި އިންތިހާބު ބާއްވަން އެންމެ ރަނގަޅުވާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް ފަހުގައި ކަމަށެވެ. ނަމަވެސް މި އިންތިހާބު ބޭއްވުން މިހާރުވެސް ލަސްވެފައިވާ ކަމަށް މަޖިލިސް ގިނަ މެންބަރުން ދެކިވަޑައިގަންނަވައެވެ.
ބަލިމަޑުކަމެއްގެ ތެރޭގައި އިންތިހާބު ބާއްވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއެވެ. އިލެކްޝަނުން ބުނާ ގޮތުގައި، އެކަމަށް ވެސް އެ ކޮމިޝަން އޮތީ ތައްޔާރަށެވެ. އޮފިޝަލުންނަށް ކުރާ ހޭދަ ނެގުމަށްފަހު ދެން އެންމެ ބޮޑު ހޭދައެއް އީސީން ކޮށްފައިވަނީ ވެސް އެކަމަށެވެ.
"ވަކި ގަޑިއެއް ކަނޑައަޅާފައި އޮންނާނީ ޕޮޒިޓިވްވެފައި ތިބޭ މީހުނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން އަންނަން. އެގަޑިތަކުގައި ވޯޓުލާން އައުމާ އެކީގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އެކި އިންތިޒާމްތަކެއް ހަމަޖެހިފައި އޮންނާނެ މަރުކަޒު ތެރޭގައި. ސެނިޓައިޒް ކުރުމާއި އަދި ރައްކާތެރިކަމުގެ މިސާލަކަށް ޝީލްޑް އަޅައި ސެނިޓައިޒް ކޮށް އަދި އެ މީހުނަށް ވޯޓު ކަރުދާސް ދިނުމުގެ ކުރިން އަތް ސެނިޓައިޒްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާނެ،" ޝަރީފް ވިދާޅުވި އެވެ.
ވޯޓުލާ މަރުކަޒުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން، ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހާ އެތަނަށް އައިސް ވޯޓުލުމުން އެބަލި އިތުރަށް ނުފެތުރޭނެ ކަމުގެ ޔަގީންކަން އީސީން ދެއެވެ. އެ ޔަގީން ކަމަކީ ސިއްހީ މާހީރުންގެ އެހީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެވެ.
"ވޯޓުލާން ދިއުމަކުން އެ ރިސްކް ފެކްޓެއް ބޮޑެއް ނުވޭ. އަޅުގަނޑުމެން އެ ވޯޓުލާ މަރުކަޒުތަކުގައި 100 ޕަސެންޓް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ހުންނާނީ. އެހެންވީމަ މަގުމަތީގައި އެ އުޅޭއިރު އެ އޮންނަ ރިސްކު ލެވަލްއެއް އަޅުގަނޑުމެންގެ މަރުކަޒުތަކުގައި ވެސް އޮންނާނީ
މި އިންތިހާބުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ދާނެ ގޮތުގެ 'ޑަމީ' އިންތިހާބެއް މީގެ ކުރިން ބޭއްވި އެވެ. އެ ފަހަރު ވޯޓު ގުނުމަށް 13 ގަޑިއިރު ނެގި އެވެ. އަދި އެކަމުގެ ސަބަބުން ވޯޓު އަވަހަށް ގުނާނެ ފޯމިއުލާއެއް އީސީން ތައްޔާރު ކުރިއެވެ.
"މިހާރު އަޅުގަނޑުމެނަށް އަންދާޒާ ކުރެވެނޭ އެންމެ ގިނަ ދާއިރާތަކެއް ހިމެނޭ ވޯޓު ފޮއްޓެއްގައި ވެސް އަށް ގަޑިއިރާއި ދިހަ ގަޑިއިރާ ދޭތެރޭގެ ވަގުތު ނަގާފާނެ ކަމަށް ލަފާ ކުރެވޭ،" ޝަރީފް ވިދާޅުވި އެވެ.
އެންމެ ގިނައިރުވާނެ ކަމަށް ލަފާކޮށްފައިވަނީ އެއް ފޮޓަށް ފަންސާސް ދާއިރާގެ މީހުން ވޯޓުލާ ފޮށިތަކެވެ. އޭގެ 59 ފޮށި ހުންނާނެ ކަމަށް ބެލެވެއެވެ. އެހެން ފޮށިތައް ހައެއްކަ ގަޑިއިރުތެރޭ ގުނާ ނިންމާލެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ލަފާކޮށްފަ އެވެ.
މިފަހަރުގެ އިންތިހާބުގެ ނަތީޖާ އިއުލާނު ކުރުން ލަސްވެގެން ދާނީ ދެ އިންތިހާބަކަށް މި އިންތިހާބު ވާތީ އެވެ. ކޮންމެ ކަރުދާސް ކޮޅެއް ހަތަރު ފަހަރަށް ގުނަން ޖެހޭނެ އެވެ. އެއީ ކޮންމެ ކަރުދާސްކޮޅެއްގައި ހަތަރު ވޯޓު އޮންނާނެތީ އެވެ.
ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އަަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި އިންތިހާބު ބާތިލު ކުރުމުގެ ފުރުސަތު އޮތުމަކީ އީސީއަށް ބޮލުގެ ރިހުމެކެވެ. އެންމެ ފަހު ވަގުތާއި ހަމައަށް ވެސް އީސީން މަސައްކަތް ކުރަމުން އައީ، އަޅާފައިވާ ހުރިހާ ފިޔަވަޅެއްހެން ވީއްލޭނެ ގޮތެއް ވޭތޯ އެވެ. ނަމަވެސް އީސީން ބޭނުންވި ވަރަށް ލުއި ނުލިބުނު ނަމަވެސް ފުދޭވަރަކަށް ބޮޑެތި ލުއިތަކެއް މިވަނީ އިންތިހާބާ ގުޅިގެންވެސް އެޗްޕީއޭއިން ދީފަ އެވެ.
އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ކޮންމެ ރަށަކަށް ވެސް ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތް މި ވަނީ ހަދާފަ އެވެ.
- ކަރަންޓީނު ނުވެ ދަތުރުކުރުމުގައި އަޅާ ފިޔަވަޅުތައް
- ވޯޓުލާ ސަރަހައްދު ފިޔަވައި އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ހިމެނޭގޮތަށް) ނުދިއުން.
- ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން.
- މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން.
- ވޯޓުލުމަށްފަހު، ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެމީހަކު އައި ރަށަކަށް އެނބުރި ދިއުން.
- ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ
- އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލުން.
- ދަތުރު ފެށުމުގެ ކުރިން ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް ދަތުރުކުރާ ތާރީހާއި ރަށުގައި މަޑުކުރާނެ
- މުއްދަތާއި ރަށުގައި ހުންނާނެ ތަން އެންގުން.
- ކޮވިޑް 19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ވޯޓުލުމުގައި އަމަލުކުރުން.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް