ޚަބަރު

ކާޅުގެ ހާއްޔަށް ބިސް އެޅުން އެއީ ކޮވެލީގެ ޒާތެއް، އެ ފުރުސަތު ޕީޕީއެމްއަކަށް ނުދޭނަން: ނަޝީދު

ކާޅުގެ ހާއްޔަށް ބިސް އެޅުމަކީ ކޮވެލީގެ ޒާތެއް ކަމަށާއި ނަމަވެސް އެމްޑީޕީގެ ލާމަރުކަޒީ ނިޒާމުން ޕީޕީއެމްއަށް ފުރުސަތު ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ނިންމުމަށް މިރޭ އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އުފެއްދުމެއް ކަމަށާއި އެއީ އެމްޑީޕީގެ ހާއްޔެއް ކަމަށެވެ.

"މިއީ ހާއްޔެއް. އަޅުގަނޑުމެން ގެންގުޅޭ ހާއްޔެއް. މި ހާލީގެ ކޮންމެ ނަރުފުކެއް ވެސް، ކޮންމެ ފަތްކޮޅެއްވެސް ގެންގޮސް، އެގަހުގައި ބޭއްވީ އަޅުގަނޑުމެންގެ ތުމުން. މި ހާއްޔަށް ބިސް އެޅީވެސް އަޅުގަނޑުމެން، އެ ބިސް ފީކުރީވެސް އަޅުގަނޑުމެން، އެ ދޫނި އުދުހިގެން ދެ ފިޔަ ލައްޕައި، ހުޅުވަމުން މާ އުފަލުން އެދަނީ ރަން ރީނދޫ ފަތިހަކަށް. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަތިސް. ކޮވެލީގެ ޒާތެއް އެއީ ކާޅުގެ ހާއްޔަށް ބިސް އެޅުން. ނޫން، މިއީ އެމްޑީޕީގެ ހާއްޔެއް. މި ހާއްޔަކަށް ޕީޕީއެމްއަކަށް ބިހެއް ނޭޅޭނެ. އެއްވެސް ބަޔަކަށް ބިހެއް ނޭޅޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މި ހާލީގައި ބިސް އަޅާނީވެސް، ބިސް ފީކުރާނީވެސް އަދި އެ ދޫނި ނެރި އުދުއްސާލާނީ ވެސް ހަމަ އެމްޑީޕީން ކަމަށާއި އެމްޑީޕީ ނުކުމެ ތިބީ މުޅިން އެހެން ގައުމިއްޔަތެއް އުފައްދަން ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަކަށް އެއްވެސް ހާލެއްގައި އޮޅިފައެއް ނުވޭ މި ރާއްޖޭގެ ތަސައްވަރެއްގެ ޕާޓީއަކީ ކޮބައިކަމެއް. ދިވެހި ރައްޔިތުން ދާން އެދޭ ތަން، ރައްޔިތުންނަށް ވާން އެދޭ ގޮތް، ރައްޔިތުން ބޭނުންވާ މިންވަރު ހިތަށް ގެންނަ ބަޔަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. މި ޕާޓީއަކީ އަބަދުވެސް ތަސައްވަރުގެ ޕާޓީ. ރާއްޖޭގެ ރައްޔިތުން، ހުރިހާ ރައްޔިތުން ތިލަފަތަށް ވޯޓުދެއްވާ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މި ރާއްޖެ ބަދަލުކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި ލާމަރުކަޒީ ނިޒާމަކީ ބާކީ ނުކުރާ ނިޒާމު ކަމަށެވެ. އަދި ލާމަރުޒަކީ ނިޒާމަކީ އެރަށެއްގެ ރައްޔިތުން އަމިއްލައަށް އެ ރަށެއް ހިންގާ ނިޒާމު ކަމަށް ވެސް ވިދާޅުވިއެވެ.