ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ކޮންމެ ރަށަކަށް ވެސް ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އެގޮތަށް ހަމަޖައްސާފައިވާކަން އިއުލާންކޮށްފައިވަނީ ޑިރެކްޓަރު އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އެންގުމެއްގައެވެ.
އެ އެންގުމުގައި ބުނެފައިވަނީ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށް މާލެ ސަރަހައްދުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރުމުގައްޔާއި، ރިސޯޓުތަކުންނާއި ސަފާރީތަކުންނާއި ގެސްޓްހައުސް ހުންނަ ރަށްރަށުންނާއި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ވަކި ފިޔަވަޅުތަކަކާއެކު ވޯޓުލުމަށްޓަކައި ކަރަންޓީނުވުމެއް ނެތި ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
- ވޯޓުލާ ސަރަހައްދު ފިޔަވައި އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ހިމެނޭގޮތަށް) ނުދިއުން.
- ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން.
- މީހުންނާ ބައްދަލުނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން.
- ވޯޓުލުމަށްފަހު، ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެމީހަކު އައި ރަށަކަށް އެނބުރި ދިއުން.
- ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލުން.
- ދަތުރު ފެށުމުގެ ކުރިން ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް ދަތުރުކުރާ ތާރީހާއި ރަށުގައި މަޑުކުރާނެ މުއްދަތާއި ރަށުގައި ހުންނާނެ ތަން އެންގުން.
- ކޮވިޑް 19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ވޯޓުލުމުގައި އަމަލުކުރުން.
އެޗްޕީއޭ އިން ބުނީ އެ އެންގުމުގެ ދަށުން ރަށްރަށަށް ދަތުރުކުރެވޭނީ ވޯޓުލުމަށްޓަކައި ދާ ފަރާތްތަކަށް އެކަނި ކަމަށާއި އެ ފަރާތްތަކުން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ އެންމެހައި ފިޔަވަޅުތަކަށް އަމަލުކުރަންވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު