ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހައިކޯޓުގައި ފެށި ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެން ގޮސް އެ ކޯޓުން ބާތިލުކޮށްފައިވާތީ، ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ، އަލީ ވަހީދުގެ މައްސަލައިގަ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހައި ކޯޓުގައި ފެށީ މިދިޔަ އަންގާރަ ދުވަހުއެވެ. ނަމަވެސް އޭނާއަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެސް މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ހައިކޯޓަށް އެންގުމަށް ވަނީ އެދިފައެވެ. ނަމަވެސް މުއްދަތު ހަމަވިއިރު ވެސް ދައުލަތަށް ވަނީ އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެސް ނުހޯދިފައެވެ.

އެހެންކަމުން މައްސަލައިގައި ދައުވާ ލިބޭ އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ނޭނގޭތީ މައްސަލައިގެ ދައުވާ ފޯމު ހައި ކޯޓުން އިއްޔެ ވަނީ ބާތިލުކޮށްފައެވެ.

"ދައުވާ ފޯމު ބާތިލު ކުރީ އަލީ ވަހީދު އުޅޭ އެޑްރެހެއް އެނގުމުން އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ޕީޖީއަށް އޮންނަ ގޮތަށެވެ،" ހައިކޯޓުން ވަނީ ބުނެފައެވެ.

ހައި ކޯޓުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ވިދާޅުވީ އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެހެއްގެ ގޮތުގައި ކޯޓަށް ދެއްވާފައިވަނީ މ. ފުރަހަނި ތިންވަނަ ފަންގިފިލާ ކަމަށާއި އެހެންނަމަވެސް އެ ގޭގައި އަލީ ވަހީދު ނޫޅުއްވާ ކަމަށެވެ. އަދި ފޯނު މެދުވެރިކޮށް ވަޓްސްއެޕް، ވައިބަރު އަދި އީމެއިލްގެ ޒަރިއްޔާއިން ވެސް އަލީ ވަހީދަށް ޗިޓް ފޮނުވި ނަމަވެސް އޭނާއަށް އެ ޗިޓް ލިބުނުކަން ޔަގީންވެފައި ނުވާ ކަމަށެވެ.

އެހެންކަމުން ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން ފާހަގަކުރައްވައި ފަނޑިޔާރު ވަނީ، އަލީ ވަހީދު އުޅުއްވާ އެޑްރެސް ކޯޓަށް އެންގުމަށް އެދިފައެވެ.

އެ މައްސަލައިގައި ޕީޖީ އޮފީހުން ބުނެފައިވަނީ، ދައުވާ ރައްދުވާ ފަރާތްތައް ކޯޓަށް ހާޒިރުކުރުމަކީ އެ އޮފީހުން ކުރަންޖެހޭ މަސައްކަތެއް ނޫން ކަމަށާއި އެ ފަރާތްތައް ހޯދުމަކީ ކޯޓުން ކުރަންޖެހޭ ކަމެއް ކަމަށެވެ.