އަންނަ ހޮނިހިރު ދުވަހާއި އަންގާރަ ދުވަހު މާލެ ސަރަހައްދުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށް ނުގެންދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ބުނީ އަންނަ ހޮނިހިރު ދުވަހާއި އަންނަ ހަފުތާގެ އަންގާރަ ދުވަހު މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމު ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. އެޗްޕީއޭއިން ވަނީ ވެކްސިން ނުޖަހާ ފަރާތްތަކުން މި ތާރީހުގެ ކުރިން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން މިގޮތަށް ނިންމާފައި މިވަނީ އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިހާބު އޮންނާނެތީއެވެ. އަދި އަންނަ ހަފުތާގެ އަންގާރަ ދުވަހަކީ މުލަ ރޯދައިގެ ގޮތުގައި ކަލަންޑަރުގައި ފާހަގަކޮށްފައިވާ ދުވަހެވެ.
އެޗްޕީއޭއިން ވަނީ ރޯދަ މަހު ވެކްސިން ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ވެކްސިން ދޭން ނިންމާފައިވަނީ ރޯދަ މަހުގެ ރޭގަނޑެވެ.
ރާއްޖޭގައި މިހާތަނަށް 255،881 މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، އެންމެ ގިނަ މީހުން ޖަހާފައި ވަނީ އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ. ދެ ލައްކައަށްވުރެ ގިނަ މީހުން ވަނީ ކޮވިޝީލްޑް ވެކްސިން ޖަހައިފައެވެ.
މިހާރު ފުރަތަމަ ޑޯޒްގެ ގޮތުގައި ދެމުން އަންނަނީ ޗައިނާގައި އުފައްދާ ސިނޯފާމާއި ފައިޒާ ވެކްސިނެވެ. އޭގެ ތެރެއިން ފައިޒާ ވެކްސިން ދެނީ 16 އަހަރުން މަތީގެ މީހުންގެ ތެރެއިން މާލެ ސަރަހައްދުގައި ހާއްސަ ހާލަތްތަކުގައިވާ މީހުންނަށެވެ.
ކޮވިޝީލްޑް ވެކްސިން ޖެހިތާ އަށް ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާތީ، މިހާރު ވަނީ އެ ވެކްސިންގެ ދެ ވަނަ ޑޯޒް ދޭން ފަށައިފައެވެ. އެގޮތުން މިހާތަނަށް 7951 މީހަކަށް ވަނީ ދެވަނަ ޑޯޒް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު