ރިޕޯޓް

ފާދިއްޕޮޅަށް ބަލި ފެތުރުން: ޓެސްޓު ކުރުން ލަސްވި ކަމުގެ ތުހުމަތު!

ރިފާ ހަލީލު

މާލެ ފިޔަވައި ރާއްޖޭގައި އެންމެ ގިނަ ކޮވިޑް ބަލި މީހުން ތިބި އެއް ރަށަކީ ފާދިއްޕޮޅު ފެލިވަރެވެ. ފެލިވަރުން މިހާތަނަށް ގާތްގަނޑަކަށް 400 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު މިއަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. ފެލިވަރަކީ މަސްވެރިކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ރަށަކަށްވުމުން އެއީ ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މީހުންދާ ރަށެކެވެ.

ފެލިވަރަށް ކޮވިޑް ބަލި ފެތުރުނު ގޮތެއް މިހާތަނަށް ހޯދިފައި ނުވާއިރު ފެލިވަރުން މީހުން ދަތުރުކުރި އެ އަތޮޅުގެ އެހެން ރަށްތަކުން ތުހުމަތު ކުރާ ގޮތުގައި ފެލިވަރަށް ބަލި ފެތުރުނީ މަސްކިރާ ބޯޓެއްގެ ކެޕްޓަނެއްގެ ފަރާތުންނެވެ. ނަމަވެސް މިއީ ކަން ހިނގައި ދިޔަ ގޮތް ކަމެއް އަދި ޔަގީނެއް ނުވެ އެވެ. އެކަމަކު މިއީ ތުންތުން މަތިން ދެކެވޭ ވާހަކަ އެކެވެ.

ފެލިވަރު ކްލަސްޓާއިން މުޅި ފާދިއްޕޮޅަށް ބަލި ފެތުރިފައިވާއިރު އެއަތޮޅު ނައިފަރު ކައުންސިލްގެ ކުރީގެ ރައީސް މުހަމައްދު ކާރިމް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފެލިވަރުގައި ކޮވިޑް ފެތުރުމުގެ ކުރިން ގަދަ ހުމެއް ފެތުރުނު ކަމުގެ މައުލޫމާތު އެރަށުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އެގޮތުން ގަދަ ހުމެއް އައިސް އާދައިގެ ބޭހަކަށް ބަލި ގުޑައި ނުލުމުން އެތައް ބަޔަކު ނައިފަރު ހޮސްޕިޓަލަށް ދެއްކި ކަމުގެ މައުލޫމާތުވެސް އޭނާ އަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މި މީހުންނަށް އެޓެންޑް ވި ޑޮކްޓަރުންނާއި ނަރުހުން މިއީ ސީރިއަސް ހުމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އެކަމުގެ ސަބަބުން ކޮވިޑަށް ޓެސްޓު ނުކޮށް އެންމެން ރަށުތެރެއަށް ދޫކޮށްލެވުނު ކަމަށް ކާރިމް ވިދާޅުވި އެވެ.

"ފެލިވަރުގަ މިދޭތެރެއިން ވަރަށް ގަދަ ހުމެއް ފެތުރުނު. އޭގެ ތެރެއިން ބައެއް މީހުން މިރަށަށް (ނައިފަރަށް) އައިސް ޑޮކްޓަރަށް ދެއްކި. އެކަމަކު އެއީ އާދައިގެ ވައިރަލް ފީވާއެއް ކަމަށް ހިތައި ދޫކޮށްލި. ބައެއް މީހުން އޭރު ޑޮކްޓަރަށް ދައްކަން އައިސް އެބަހުރި ބުނެފަ ތިމަންނަމެން ހުން އައިސް ބޮލުގަ ރިއްސާ އެނބުރުން އަރައިގެން ވެއްޓިފަވެސް އެބަހުއްޓޭ ހެޔަށް ވެސް ގޮތްވެގެން. އާދަޔާ ހިލާފަށް ގިނައިން މީހުން ބަލިވެގެން ޑޮކްޓަރަށް ދެއްކީމަ އަސްލު އޮންނާނެ ގޮތަކީ އަތޮޅުގައި ހުންނަ ހެލްތު ކަންކަމުގެ އިސްފަރާތްތަކާއި ހިއްސާ ކުރުން. އެކަމަކު އެ ދުވަސްވަރަކީ ރަށުގައިވެސް ރޯގާއެއް ފެތުރުނު ދުވަސްވަރެއް ވީމަ ކޮވިޑް ކަހަލަ ބޮޑު ބައްޔެއް ހުރެދާނެ ކަމަށް ގަބޫލު ނުކުރެވުނީ ކަންނޭނގެ. އެކަމަކު ނައިފަރު ހޮސްޕިޓަލުގެ ނަރުހެއް ޕޮޒިޓިވް ވެ އެ ހިސާބުން މިކަން ސީރިއަސް ކަމެއްގެ ގޮތުގަ މި ބެލީ." އޭނާ ބުންޏެވެ.

ކާރިމް ވިދާޅުވީ އުނގޫފާރުން ދަތުރު ކުރި މީހުން ކަރަންޓީނު ވެ ކޮވިޑަށް ޓެސްޓު ކުރަން އެންގުމުން އޭރު ނައިފަރުން އުނގޫފާރަށް ދަތުރުކުރި އެންމެން ޓެސްޓު ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން ހޮސްޕިޓަލްގައި މަސައްކަތްކުރާ ނަރުހަކު ޕޮޒިޓިވް ވި ކަމަށާއި އޭގެ ފަހުން ފެލިވަރުން ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ ބަޔަކުވެސް ކޮވިޑަށް ޓެސްޓުކޮށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފެލިވަރުގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ ޅަވިޔަނި އަތޮޅަށް ނިސްބަތްވާ ބަޔަކަށްވެފައި އެ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ބިރު މުޅި އަތޮޅަށް އޮތް ކަމަށެވެ. އަދި އުނގޫފާރަށް ދަތުރުކުރި ނަރުސް މީހާ އަކީ، އުނގޫފާރު ކްލަސްޓާ އާއި ގުޅުން ހުރި ކަމަށް ބެލެވޭ މީހެއް ނޫން ކަމަށާއި އޭނާ އަށްވެސް ކޮވިޑް ޖެހިފައިވަނީ ފެލިވަރުން އޭގެ ކުރިން ބަލިވެގެން ޑޮކްޓަރަށް ދައްކަން އައި ބަޔަކާ ކޮންޓެކްޓް ވެގެން ކަން ބެލެވޭ ކަމަށެވެ.

ކާރިމް އިތުރަށް ވިދާޅުވީ ކުރިން ޓެސްޓު ކުރެވުނު ނަމަ މިހާ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެހެން ކަމުން ފެލިވަރުން ބަލި ފެތުރުނުތާ ގިނަ ދުވަސްތަކެއް މިވަނީ ވެފަ އެވެ. މިފަދަ ބަލިމަޑު ދުވަސްވަރެއްގައި ބަލިވެގެން އާދަޔާ ހިލާފަށް ގިނައިން އެއްތަނަކުން މީހުން ޑޮކްޓަރަށް ދައްކާނަމަ އެފަދަ މީހުން ޓެސްޓު ކުރުމަކީ މުހިންމު ކަމެކެވެ. މިކަމަށް ސިއްހީ މާހިރުންވެސް ދެކޮޅެއް ނަހަދަ އެވެ.

ނައިފަރު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށްރަށުގައި ކޮވިޑް ފެތުރުމުގެ ކުރިން ފެލިވަރުން ހުން އައިސްގެން ގިނަ އަދަދަކަށް މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. ނަމަވެސް އޭރު އެމީހުން ކޮވިޑަށް ޓެސްޓު ކޮށްފައި ނުވާ ކަމަށެވެ.

ކޮވިޑަށް ޓެސްޓު ނުކުރީ ކީއްވެތޯ ސުވާލު ކުރުމުން ވިދާޅުވީ އޭރު އެމީހުންނަށް އެޓެންޑްވި ނަރުހުންނާއި ޑޮކްޓަރުންނަށް އެމީހުންގެ ފަރާތުން އެފަދަ ކަމެއް ފެނި ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން ޕަބްލިކް ހެލްތަށްވެސް މިކަން އެންގިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެލާޓް ލިބުނު ހިސާބުން އަޅަންވާ ފިޔަވަޅުތައް އެޅިން. އެ ދުވަސްވަރަކީ ނައިފަރުގަވެސް ރޯގާއެއް ފެތުރުނު ދުވަސަވަރެއް. އެހެންވެ އޭރު ދެން ޓެސްޓު ނުކޮށް އެލާޓް ނުކުރެވި އޮތީ. ނަމަވެސް ވަކި ހިސާބަކުން މި ދެންނެވީ ފެލިވަރުން އެއްފަހަރާ މާގިނައިން މީހުންތައް ބަލިވެ ޑޮކްޓަރަށް ދައްކާތީ ޕަބްލިކް ހެލްތުން ވަގުތުން އެންގީ މިކަމަށް ސަމާލުވެ ޓެސްޓުތައް ކުރަން. އެހިސާބުން އަޅުގަނޑުމެން އެކްޝަން ނެގިން. އެހެންވީމަ ގަބޫލުކުރެވޭ ކުރިންވެސް ފެލިވަރުގަ ބަލި ދިޔައީ ފެތުރެމުންކަން." އޭނާ ވިދާޅުވި އެވެ.

ޖައުފަރު ވިދާޅުވީ ދުވާލެއްގެ މައްޗަށް 40 ވަރަކަށް ސާމްޕަލް ނެގޭ ކަމަށާއި ނަމަވެސް ނަތީޖާ ލިބުމުގައި ކުޑަ ލަސްވުމެއް އުޅޭތީ ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެހެން ކަމުން މިކަމަށް ހައްލެއް ހޯދައިދިނުމަށް ޓަކައި ނައިފަރުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަކީ ވަރަށް އެދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދެމުންދާތީ ރައްޔިތުންނަށް އެކަމަށް ޝުކުރު އަދާ ކުރާ ކަމަށާއި ނަމަވެސް ބައެއް ކަންކަމުގެ ސަބަބުން ހިތާމަ ކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ކޮންޓެކްޓް ވެފައި ވީ ނަމަވެސް އެކަން ސިއްރުކޮށް އެކަމާބެހޭ ސައްހަ މައުލޫމާތު ބައެއް ފަރާތްތަކުން ނުދީ ހިފަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ޅަވިޔަނި އަތޮޅަށް ކޮވިޑް ފެތުރިފައިވާއިރު މިހާރުވެސް އެއަތޮޅުގެ ފަސް ރަށަކަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. އަދި ނައިފަރުގައި ވަނީ ކާފިއު އިއުލާންކޮށް ހާއްސަ ހުއްދައަކާއެކު ނޫނީ ގެއިން ބޭރަށް ނުކުތުން މަނާކޮށްފަ އެވެ.

މުޅި ރާއްޖެއިން ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު 25،000 އިން މައްޗަށް އަރާފައިވާއިރު މި ބަލީގައި 67 މީހަކު ވަނީ މަރުވެފަ އެވެ.