މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކުރާ ކަމަށް ތުހުމަތުކޮށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ މައްސަލައެއް އެންޓި ކޮރަަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
ޝަމީމްގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވަނީ ޕީޕީއެއްގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ގާލިބެވެ.
ގާލިބް ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން، ދައުލަތުގެ މަގާމެއްގައި ހުރެ، ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދޭން އުޅުނު މައްސަލަ ތަހުގީގުކޮށް، ޕީޖީ ޝަމީމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
"އެއްވެސް މީހަކީ ގާނޫނަށް ވުރެ މަތީ މީހެއް ނޫން،" ގާލިބް ގެ ޓުވީޓުގައިވެއެވެ.
އެ މައްސަލައިގެ އިތުރު މައުލޫމާތު ސާފުކުރުމަށް ގާލިބަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އިތުރު މައުލޫމާތު އޮޅުންފިލާ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް އެ މައްސަލައަކީ އޮންލައިން ނޫހަކަށް ޝަމީމް ކޮލަމެއް ލިޔުއްވި މައްސަލައެއް ކަމަށް އެނގިފައިވެއެވެ. އެ ކޮލަމް ލިޔުއްވި ކޮމިލަމިސްޓެއްގެ ގޮތުގައި ޝަމީމްގެ ނަން ފުރަތަމަ އޮތް ނަމަވެސް، ފާޑުކިޔުންތަކާ ގުޅިގެން ފަހުން ވަނީ ނަން ނަންގަވައިފައެވެ.
ޝަމީމްގެ މައްސަލައެއް ގާލިބް ހުށަހަޅާފައި މިވަނީ ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމި މައްސަލައިގައި ވެސް އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ވެންޓިލޭޓަރު މައްސަލައިގައި، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ފެންނަ ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީ ގެ މެމްބަރުންވެސް ވަނީ އެކަމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަނީ ޝަމީމުގެ މަސްލަހަތު އޮތުމުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެކަމާ ގުޅިގެން ޝަމީމު ވިދާޅުވީ، އެކަމުގައި އެއްވެސް މަސްލަހަތެއް ނޯންނާނެ ކަމަށާއި އެ މައްސަލައިގައި ހިމެނެނީ ދަންނަ ބައެއްވެސް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު