ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅުއްވަމުން ގެންދަވާ އެޑްރެސް ހޯދުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ހައިކޯޓުން ދިން މުއްދަތު ހަމަވި އިރު، އޭނާ އުޅުއްވާ އެޑްރެސް ހޯދިފައިނުވާ ކަމަށް ޕީޖީން އަންގައިފިއެވެ.
ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހައި ކޯޓުގައި އިއްޔެ ވަނީ ފަށައިފައެވެ. ނަމަވެސް އޭނާއަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ ދައުލަތަށް އިތުރު މުހުލަތެއް ދިނުމަށް ފަހު އިއްޔެގެ އަޑުއެހުން ވަނީ ނިންމާލައިފައެވެ.
އަލީ ވަހީދަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ، ޝަރީއަތުން ނިންމެވީ މިއަދުގެ މެންދުރު 2:00ގެ ކުރިން، އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެސް ސާފު ކުރެއްވުމަށް ފަހު ކޯޓަށް އެންގުމަށެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިރޭ "ވަން" އަށް ވިދާޅުވީ އަލީ ވަހީދު އުޅުއްވާ އެޑްރެސް ހޯދުމަށް ފުލުހުންގެ ކިބައިން އެދުމުން، ފުލުހުން މިއަދު ވަނީ އަލީ ވަހީދު އުޅުއްވާ އެޑްރެސް ނޭނގޭ ކަމަށް ސިޓީއަކުން އަންގާފައި ކަމަށެވެ. އެކަން މިހާރު ހައި ކޯޓަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ ދައުވާ ރައްދުވާ ފަރާތްތައް ކޯޓަށް ހާޒިރުކުރުމަކީ އެ އޮފީހުން ކުރަންޖެހޭ މަސައްކަތެއް ނޫން ކަމަށާއި އެ ފަރާތްތައް ހޯދުމަކީ ކޯޓުން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އަދިވެސް އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެސް ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ.
ހައި ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ވިދާޅުވީ އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެހެއްގެ ގޮތުގައި ކޯޓަށް ދެއްވާފައިވަނީ މ. ފުރަހަނި ތިންވަނަ ފަންގިފިލާ ކަމަށާއި އެހެން ނަމަވެސް އެ ގޭގައި އަލީ ވަހީދު ނޫޅުއްވާ ކަމަށެވެ. އަދި ފޯނު މެދުވެރިކޮށް ވަޓްސްއެޕް، ވައިބަރު އަދި އީމެއިލްގެ ޒަރިއްޔާއިން ވެސް އަލީ ވަހީދަށް ޗިޓް ފޮނުވި ނަމަވެސް އޭނާއަށް އެ ޗިޓް ލިބުނުކަން ޔަގީންވެފައި ނުވާ ކަމަށެވެ.
އެހެންކަމުން ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން ފާހަގަކުރައްވައި ފަނޑިޔާރު ވަނީ، ދައުލަތަށް އަލީ ވަހީދު އުޅުއްވާ އެޑްރެސް ސާފުކުރެއްވޭނެތޯ ސުވާލު ކުރައްވައިފައެވެ.
އެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ދައުލަތުން މީގެ ކުރިން ވެސް އެދުނީ އޭނާ ފިލައިގެން ގޮސް ޝަރީއަތަށް އެއްބާރުލުން ނުދީފާނެތީ ކަމަށެވެ. އަދި އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ނޭނގޭކަން ފާހަގަކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ކޯޓުން އޭނާ ދިރިއުޅުއްވާ އެޑްރެސް ސާފުކުރުމަށް އެދިފައިވާތީ އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ވެސް ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ކަން ފާހަގަކޮށް ދައުލަތުން ވަނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސް ދިނުމަށް އެދިފައެވެ. އެހެން ނަމަވެސް ޝަރީއަތުން ވިދާޅުވީ، ޖިނާއީ މައްސަލަތައް ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު